Last Updated: June 12, 10:30
Friday, June 12, 2026
ޚަބަރު

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ހުޅުވާލައިފި

ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ރައީސް އޮފީހުގައި މިކަމަށް ހާއްސަކޮށް ބޭއްވި "ބިންވެރިޔާ – ގެދޮރުވެރިޔާ" ޕްރޮގްރާމްގައި ވަނީ މިކަމަށް ހާއްސަކޮށް ތައާރަފްކުރި އޮންލައިން ޕޯޓަލް އިފްތިތާހު ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭގައި އުޅޭ މީހުންނަށް 3،000 ގޯތި ދޭނީ ހުޅުމާލެއާއި ގުޅީފަޅުން ކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ މި ސްކީމްގެ ދަށުން ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވިދާނެކަމަށެވެ.

ދޫކުރާ ގޯތީގެ އެންމެ ކުޑަ އަކަފޫޓަކީ 1،225 އަކަފޫޓު ކަމަށާއި، ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. އަދި އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4،000 އަކަފޫޓާއި ހަމައަށް ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރާ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެއެވެ.