Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ދިވެހި ހައްޖުވެރިން ފުރަން ފަށައިފި

މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް މިރޭ ފުރައިފި އެވެ.

މި އަހަރު ރާއްޖޭން 453 މީހުން ހައްޖަށް ދާއިރު، މިރޭ ފުރީ 157 މީހުންނެވެ.

މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގަ އެވެ. އެއީ މިރޭގެ އިތުރުން މި މަހުގެ 29ވަނަ ދުވަހާއި، ޖުލައި މަހުގެ ދެވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

ހައްޖުވެރިން ހައްޖަށްދާން މިރޭ ފުރަން ފަށާފައިވާއިރު ރާއްޖޭގެ ހައްޖު މިޝަންގެ ބޭފުޅުން މިހާރު ތިބީ ސައުދީ އަރަބިއްޔާގަ އެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްޞަ މިޝަނެއް އެކުލަވާލާއިރު އެ މިޝަންއިން ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ޙާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެ އެވެ.

މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ.