Last Updated: June 12, 10:30
Friday, June 12, 2026
ޚަބަރު

އިދިކޮޅު މެމްބަރުން މަޖިލިސް ހުއްޓުވައިފި

އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ--

ލީކުވެފައިވާ ފޮޓޯ އަދި ވީޑިއޯތަކުގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް ނިންމުމާ ގުޅިގެން އިދިކޮޅު މެމްބަރުން މަޖިލިސް ހުއްޓުވާ މަޖިލީހުގައި އެކަމާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ އަދި ވީޑިއޯތަކާ ގުޅިގެން ކުއްލި މައްސަލަ ލިބިފައިވާކަން ފާހަގަކޮށް އެ ކުއްލި މައްސަލަ ބަލައިގަތުމާ މެދު ވިސްނަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމަވާ މޭރުމުން ރައީސް ނަޝީދު ވާހަކަ ދެއްކެވިއެވެ.

އެއަށްފަހު މިއަދު މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތް ވަޒީރާ ސުވާލު ކުރުމުގެ ބައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރާ ގޮތަށް އޮތީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

އެހެންނަމަވެސް ޝިޔާމް ވަނީ ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކުރައްވާ އަދި ސުވާލު ކުރުމަށް ބޭނުން ނުވާކަމަށް ވިދާޅުވެ މަޖިލީހުގައި އަޑުގަދަ ކުރައްވާފައެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކޮށްފައެވެ.

މި އިހުތިޖާޖާ ގުޅިގެން މަޖިލިސް ކުރިއަށް ނުގެންދެވި ހުއްޓާލައިފައި އިރުކޮޅަކު ބޭއްވިއެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް މަޖިލިސް ވަނީ އަނބުރާ ފައްޓާފައެވެ.