Last Updated: April 24, 19:12
Wednesday, April 24, 2024
ރިޕޯޓް

މާލޭ މީހުންނަށް އެކަނި މާލޭން ބިން؛ "ރޭސިސްޓް" ކަމެއް!

* އެތައް އަހަރެއް ވަން ދެން މާލެ ދަފްތަރުގައި ޖެހިގެން ތިބި މީހުންނަށް މާލެއިން ދޫކުރާ ބިމަކަށް ނުލެވޭ

ރާއްޖޭގެ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގައި ބުނާގޮތުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ވަޒަންވެރިވާން ބޭނުންވާ ރަށެށްގައި ވަޒަންވެރިވެވޭނެއެވެ. އަދި ވަޒަންވެރިވުމަށް ފަހު އެތަނެއްގެ ވަޒަންވެރީންނަށް (ރެސިޑެންޓުންނަށް) ލިބިދޭ ހުރިހާ ހައްޤެއް ތަފާތުކުރުމެއްނެތި ލިބިދޭންވާނެއެވެ.

ވީމާ، އެމީހަކު ވިހޭ ރަށަކީ ނުވަތަ މައިންބަފައިން ނިސްބަތްވާ ރަށަކީ އެމީހަކަށް "ރެސިޑެންޓެއްގެ" ހައިސިއްޔަތުން ލިބެންޖެހޭ ހައްޤަކަށް އުނިކަމެއް ލިބިގެންވާނެ ކަމެއްނޫނެވެ. އަދި އެމީހަކު އުފަންވި ރަށަށް ބަލައިގެން އެމީހަކު ކެޓެގަރައިޒްކޮށް، އެމީހަކަށް ލިބެންޖެހޭ ހައްޤުތަކާއި ފުރުސަތުތައް ނިގުޅައިގަތުމަކީ ޤާނޫނު އަސާސީއާއި ހިލާފު "ރޭސިސްޓް" އަމަލެކެވެ.

ދުނިޔޭގެ އެހެންޤައުމުތަކުގައިވެސް އެމީހަކަށް ލިބިދޭންޖެހޭ ހައްޤުތަކާއި ފުރުސަތުތައް ކަނޑައެޅުމުގައި އެމީހަކު ވިހޭ ތަނެއް ނުވަތަ މައިންބަފައިން ނިސްބަތްވާތަނެއް މުހިއްމެއްނޫނެވެ. މިސާލަކަށް، އޮސްޓްރޭލިޔާގެ މެލްބަން އަށް ވިހާފައިވާ މީހަކު ސިޑްނީއަށް ދިރިއުޅުން ބަދަލުކުރުމުން، ކަނޑައެޅިފައިވާ ވަކި މުއްދަތެއް ހަމަވުމުން އެމީހަކަށް ސިޑްނީގެ އެހެން ރައްޔިތުންނަށް ލިބިދޭ ހުރިހާ ހައްޤެއް ތަފާތުކުރުމެއްނެތި ލިބެއެވެ.

ސިޑްނީގައި ގެދޮރުވެރިވުމުގެ ހައްޤުވެސް ތަފާތުކުރުމެއްނެތި ލިބިދެއެވެ. އުފަންވީ ވަކި ރަށަކަށް ނުވަތަ ސްޓޭޓަކަށްވުމުން ތަފާތެއްނުކުރެވެއެވެ. އެއީ އޮސްޓްރޭލިޔާގެ ޤާނޫނު އަސާސީއިން އެކަމަށް ބާރުދޭތީއެވެ. ތަހުޒީބީ މުޖުތަމައަތަކުގައި ރައްޔިތުންނަށް މިފަދައިން ހައްޤުތައް ކަށަވަރުކުރެވިފައިވާތީ އެޤައުމުތަކަށް ދިވެހިންވެސް އެޤައުމުތަކުގައި ވިހެއުމަށް ހިޔާރުކުރަނީ އެޤައުމުތަކުން އެޤައުމުތަކުގެ ރައްޔިތުންނަށް އެއްވެސް ތަފާތުކުރުމެއްނެތި އެ ހައްޤުތައް ދޭތީއެވެ. ހަމައެގޮތަށް މި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުންވެސް ދިވެހި ރައްޔިތުންގެ މެދުގައި އެމީހަކު ވިހޭ ރަށަކަށް ބަލާފައި އެމީހެއްގެ ހައްޤުތަކާއި ފުރުސަތުތަކެއް ނުނިންމޭނެއެވެ.

ނަމަވެސް ވަޒަންވެރިވެގެން އުޅޭ ރަށެއްގެ ގޮތުން އެރަށެއްގެ ނުވަތަ އެ ސިޓީއަކުން ލިބިދޭ ހައްޤު އެހެން ރަށްރަށުގެ ވަޒަންވެރީންނާއި ތަފާތުކުރެވިދާނެއެވެ. މިސާލަކަށް، އައްޑު އަތޮޅު ނުވަތަ ރ. އަތޮޅުގައި ވަޒަންވެރިވެގެން ދިރިއުޅޭ ދިވެހިރައްޔިތަކަށް ޝަރުތުހަމަނުވާގޮތަށް މާލޭ ސިޓީގައި ގެދޮރުވެރިކުރުމުގެ ސިޔާސަތު ވަކި އުސޫލަކުން ގެންގުޅެވިދާނެއެވެ. އަދި ހަމަ އެގޮތަށް އައްޑު އަތޮޅުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތު މާލޭ ސިޓީގެ ވަޒަންވެރީންނަށް ޝަރުތުހަމަނުވާގޮތަށް ހެދިދާނެއެވެ. މި ގޮތަށް ހެދުމަކުން ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއާއި ފުށުއެރުމެއްނުވެއެވެ.

އެކަމަކު އެމީހަކު އުފަންވީ މާލޭ ސިޓީއަށް ވީތީވެ ނުވަތަ އެމީހެއްގެ ދާއިމީ އެޑްރެސް ހުރީ މާލޭސިޓީގައި ކަމަށްވާތީވެ ޝަރުތު ހަމަނުވާގޮތަކަށް ހަދައިފިނަމަ ޤާނޫނު އަސާސީގެ 41 ވަނަ މާއްދާއާއި ހިލާފުވާނެއެވެ. މިހާރުގެ ބޮޑު ސުވާލަކީ މާލޭ ސިޓީއިން ގޯތި ދިނުމުގައި މާލޭސިޓީއަށް އުފަން މީހުންނަށް ހަމައެކަނި ޝަރު ތުހަމަވާގޮތަށް ހަދައި އަދި ރަށްރަށުން މާލެސިޓީއަށް ހިޖުރަކޮށް ދިރިއުޅުމުގެ އެކިކަންކަމުގައި މާލޭސިޓީގައި އެތައް އަހަރެއްވަންދެން ވަޒަންވެރި ވެގެންއުޅޭ މީހުންނަށް ޝަރުތު ހަމަނުވާގޮތަށް މާލޭސިޓީގެ ގެދޮރުވެރިކުރުމުގެ ސިޔާސަތު ގެންގުޅެވިދާނެތޯއެވެ؟

ރާއްޖޭގެ މަޝްހޫރު ޤާނޫނޫނީވަކީލަކު ވިދާޅުވީ އެމީހަކު އުފަންވި ރަށަށްބަލައި، އެމީހެއްގެ ދާއިމީ އެޑްރެސްއަށް ބަލައިގެން ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެވެސް އަދި ސިޓީއެއްގެވެސް ބަންޑާރަ ބިން ހިލޭ ދިނުމުގެ އަދި ވިއްކުމުގެ ސިޔާސަތުކަނޑައެއްނޭޅޭނެއެވެ.

"ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ދައްނައެއްޗަކީ އެމީހަކު ދިރިއުޅޭ ރަށް. އެމީހަކު އުފަންވީ ރަށެއްނޫން. މިސާލަކަށް ސަރުކާރަށް ކަނޑައެޅިދާނެ ޤަވާއިދެއްގެ ދަށުންވެސް ނުވަތަ ޤާނޫނަކުންވެސް އެމީހަކު ދާއިމީގޮތަކަށް ވަކި ރަށެއްގައި ދިރިއުޅޭތާ 5 އަހަރުވުމުން ނުވަތަ 10 އަހަރުވުމުން އެމީހަކީ އެތަނެއްގެ ވަޒަންވެރިއެކޭ ނުވަތަ ރެސިޑެންޓެކޭ. އެހިސާބުން ފެށިގެން އެތަނެއްގައި ވަޒަންވެރިވެގެންއުޅޭ ކޮންމެ ދިވެހިރައްޔިތަކުވެސް ޝަރުތުހަމަވާނެ އެތަނެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް. އޭރުން މާލޭ މީހަކު އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށް ވަކި މުއްދަތެއްވީމަ އެމީހަކުވާނީ އެ ބަދަލުވި ރަށުގެ ވަޒަންވެރިއަކަށް. ހަމަ އެގޮތަށް އެހެން ރަށްރަށުން މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ފަރާތްތައްވެސް ކަނޑައެޅިފައިވާ މުއްދަތުހަމަވުމުން އެފަރާތްތައްވެސްވާނީ މާލޭގެ ވަޒަންވެރީންނަށް. ދެން އެމީހަކު ދިރިއުޅެން ނިންމާނެތަނަކީ އެމީހެއްގެ ހައްޤެއް. ޤާނޫނު އަސާސީއިން ލިބިދީފައިވާ ހައްޤެއް. އެކަމާ ޝަކުވާކުރުމުގެ ހައްޤެއް އެއްވެސްފަރާތަކަށް ލިބިގެނެއްނުވޭ. މި ރާއްޖެއަށް "ރެސިޑެންސީ އެކްޓެއް" ނުވަތަ ވަޒަންވެރިވުމުގެ ޤާނޫނަކާއި އުސޫލުތަކެއް ބޭނުންވޭ. ނަމަވެސް އެ ޤަވާއިދާއި އުސޫލުކަނޑައެޅިފައި އަދި ނެތުމަކީ މިހާރު ކުރަންއުޅޭގޮތަށް ވަކި ތަނަކަށް އުފަންވެފައިވާ މީހުންނަށް ބިންދިނުން ނުވަތަ ބިން ވިއްކުން ހުއްދަވާނެކަމެއްނޫން. އެކަމަކީ ޤާނުނު އަސާސީގެ 41 ވަނަ މާއްދާއާއި ހިލާފު އަދި ދިވެހި އެތަކެއް ރައްޔިތުންގެ ހައްޤުގެއްލޭނެކަމެއް. އެއްވެސް ޤޮތަކަށް ކުރެވިގެންވާނެކަމެއްނޫން".

އޭނާ އަދި އިތުރަށް ވިދާޅުވިގޮތުގައި މާލޭ ސިޓީން ބިންދޫކުރުން މާބޮޑު ވެގެން މިއުޅެނީ މާލޭގެ ބިމުގެ ޑިމާންޑު ބޮޑުވެ އަގުބޮޑުވުމުންނެވެ.

"މިސާލަކަށް އަތޮޅުތެރޭ ރަށެއްގައި ބިމުގެ އަގު މިއުޅެނީ ވަރަށްދަށްކޮށް. މާލޭ މީހުންނަށްވެސް އެބަހުރި ލ. އަތޮޅާއި ޅ. އަތޮޅު ފަދަ އެހެނިހެން އަތޮޅުތަކުންވެސް ބިންދީފައި. އަދި ބައެއް ރަށްރަށުން އެބަހުރި އެރަށެށްގެ ރައްޔިތުންނަށްނޫނީ ބިމަށް ޝަރުތުހަމަނުވާގޮތަށް އިޢުލާންކޮށް އަދި ބިންދީފައިވެސް. އެކަމަކު ފާހަގަކޮށްލަންވީ ކަމަކީ މި ދެންނެވިގޮތަށް އަތޮޅުތަކުން އެދިން ބިންތަކަކީ އެހާބޮޑު ޑިމާންޑެއްނެތް، އަގެއް ކުރިއޭޓްވެފައިނެތް ތަންތަން. ނަމަވެސް މާލޭގެ ބިމަކީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާ އެއްޗެއް. އަގުވެސް މިއުޅެނީ ޤައުމުގެ ނިސްބަތުން އެންމެ މަތީގައި. ސަބަބަކީ މާލޭ ސިޓީ އަކީ ޤާނޫނޫ އަސާސީއިން ކަނޑައަޅާފައިވާ ވެރިކަންކުރާ ރަށަށްވުމާއިއެކު މިތަނުގައި ސަރުކާރުގެ މައި އިދާރާތައް ހުރުމުގެ އިތުރުން ދިވެހި ރާއްޖޭގެ ބަޖެޓުގެ ބޮޑުބައެއް ހޭދަކުރާތަން. އަދި ބޭރުގެ ފަރާތްތަކުން މުޅި ދިވެހި ހުރިހާ ރައްޔިތުން ޝާމިލުވާގޮތަށް ދޭ އެހީތައްވެސް އެންމެގިނައިން ހޭދަކުރެވޭތަން. ތައުލީމީ ފުރުސަތުތަކާއި، ސިއްހީ ހިދުމަތާއި އަދި ވަޒީފާގެ ފުރުސަތުތައްވެސް މިއޮތީ މިތާގައި. މި ހުރިހާކަމެއްގެ ސަބަބުން މާލޭ ސިޓީގެ ބިމުގެ އަގު މިވަނީ ވަރަށްމައްޗަށް ގޮސްފަ. މިކަން މިހެން މެދުވެރިވާންޖެހުނު ސަބަބަކީ ދިވެހި ހުރިހާ ރައްޔިތުންގެ ސަބަބުން އެންމެންގެވެސް ހިއްސާއޮވެގެން. ވީއިރު ވަކި ރަށަކަށް އުފަންވެގެންނޭ ކިޔާފަ މާލޭ ސިޓީއިން ގޯތި ދިނުމަކީ ބޭއިންސާފު އަމަލެއް އަދި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއިވެސް މުޅިން ހިލާފުކަމެއް".

އޭނާ އިތުރަށް ފާހަގަކުރީ މާލޭސިޓީގެ ބައެއް މީހުންގެ ޝަކުވާއަކީ މާލޭއަށް އުފަން ބައެއްމީހުން ވަރަށް ހާލުގައި އުޅޭކަމެވެ. ވީއިރު އެމީހުންނަށް ބިން ދޭންޖެހޭނެކަމަށް މާލޭގެ ބައެއްމީހުން ވަކާލާތުކުރާކަމަށެވެ.

"ހާލުގައި އުޅޭމީހުންނަށް ވަކި އުސޫލަކުން ގެދޮރުވެރިކުރެވިދާނެ. ނަމަވެސް ހާލުގައި އުޅޭމީހުން ބެލުމުގައި ހަމައެކަނި މާލެއަށް އުފަން މީހުންނަކަށް އެކަނި ނުބެލޭނެ. މާލޭގައި އެބައުޅޭ އަތޮޅުތެރޭން މާލެ އައިސް ވަރަށް ޒަމާންވަންދެއް އުޅޭ އަދި ވަރަށްހާލުގައިއުޅޭ މީހުންވެސް. އެމީހުންނާއި މާލޭސިޓީއަށް އުފަން މީހުންނާ ތަފާތެއް ނުކުރެވޭނެ. ތަފާތު ކުރެވޭނީ ހުރިހާ ވަޒަންވެރީންގެ ތެރެއިން ދިރިއުޅުމުގެ ހާލަތަށްބަލާފަ. އެމީހަކީ ރާއްޖޭގެ އެއްވެސް ތަނަކުން މުދަލެއް ނުވަތަ ގޯޗެއް ލިބިފައިވާ މީހެއްތޯ ބެލުމަށްފަހު ހުރިހާ ވަޒަންވެރީންގެ ތެރެއިން އެއްއުސޫލަކުން. ރަށްރަށުން މާލެއައިސް ވަޒަންވެރިވެގެންއުޅޭ ފަރާތްތަކަށް ނިސްބަތްކޮށް ނުބުނެވޭނެ އެމީހުންގެ އުފަން ރަށަށްދާށެކޭ. ޤާނޫނު އަސާސީ އިން ލިބިދީފައިވާ ހައްޤެއް އެމީހަކު ވަޒަންވެރިވެގެން އުޅޭނެ ރަށެއް އިޙްތިޔާރުކުރުމަކީ. އަދި ވަޒަންވެރިވުމަށްފަހު އެއްވެސް ތަފާތެއްނުކުރެވޭނެ. ބައެއްމީހުން އެބަބުނޭ މާލޭގައި މީހުން ހާލުގައި މިއުޅެނީ ރާއްޖެތެރެމީހުންގެ ސަބަބުންނޭ. ހަމަ އެގޮތަށް ބުނެވިދާނެދެއްތޯ މާލޭގައި ބައެއްމީހުން ދަރީންނަށް ކިޔަވައިދީ، ވިޔަފާރިކޮށް، މުއްސަނދިވެފައިވަނީވެސް އަތޮޅުތަކުގެ މީހުންގެ ސަބަބުންނޭ. އެމީހުން މާލެއަށް ހިޖުރަކޮށްގެން އުފެއްދި ޑިމާންޑެއްގެ ސަބަބުންނޭވެސް. އެގޮތަކަށް ވަކި ބަޔަކަށް އިނގިލިދިއްކުރެވޭކަށް މިތާކުނެތް. މައްސަލައަކީ ޒަމާނާގުޅޭގޮތަށް ސަރުކާރުތަކުގެ ސިޔާސަތުތައް ބައްޓަންނުކުރެވޭތީ. މިކަމަކީވެސް ދުނިޔޭގެ އެހެން ގިނަޤައުމުތަކުގައި ސިޔާސަތުތައް ހަދައިގެން އިންސާފުވެރިކޮށް ހައްލުކޮށްފައި ހުންނަކަންތައްތައް. ދެންވެސް މިފެންނަނީ ޤާނޫނާއި އުސޫލުގެ ތެރެއިން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ރިޔާއަތްކޮށްގެން މިކަންތައް ހައްލުކުރުމުގެ ބަދަލުގައި ޤާނޫނު އަސާސީއާ ހިލާފަށް "ރޭސިސްޓް" ވިސްނުމަކުން މާލޭގެ ބިމުގެ ކަންތައް ކުރިއަށްގެންދަން މަސައްކަތްކުރާތަން".

މާލޭއަށް މީގެ 30 އަހަރުކުރިން އައިސް އާއިލާއާއިއެކު ވަޒަންވެރިވެގެން އުޅޭ 55 އަހަރުގެ އަލީ އަހުމަދު ފާހަގަކުރެއްވިގޮތުގައި އޭނާގެ ދެމަފިރިންނާއި މުސްކުޅި މަންމައާއި 4 ކުދީން ދިރިއުޅެމުންދަނީ ކުއްޔަށެވެ. ކިރިޔަކިރިޔާ ދެކޮޅުޖެހިގެންނެވެ. އަދި ދިރިއުޅެން ޖެހިފައިވަނީ ވެސް ކުދިކުދި ތަން ކޮޅުކޮޅުގައެވެ. އޭނާގެ ބިމެއް ރާއްޖޭގެ އެއްވެސްތާކު ނެތެވެ. އޭނާގެ އުފަން ރަށަށްގޮސްގެން އޭނާގެ މުސްކުޅި މަންމައަށް ޤަވާއިދުން ޑޮކޮޓަރަށްދެއްކޭނެގޮތެއްނެތެވެ. އަދި އޭނާގެ ރަށުގައި ވަޒީފާގެ ފުރުސަތުތަކެއްނެތެވެ. ނުވިތާކަށް ކުދީންނަށް މަތީތަޢުލީމުގެ ފުރުސަތެއްނެތެވެ. އަލީ އަހުމަދު ފަދަ އެތައް ދިވެހިރައްޔިތުންނެއް މާލެއައިސް ވަޒަންވެރިވެގެން އެބައުޅެއެވެ. ވަރަށް ދަތިހާލުގައި އުޅޭ އާއިލާތައްވެސް އެބައުޅެވެ. މިފަދަ އާއިލާތަކަށް ނިސްބަތްކޮށް އުފަންވިރަށަށްދާށޭ ނުބުނެވޭނެއެވެ. ދިވެހި ކޮންމެ ރައްޔިތަކަށް އެމީހަކު ދިރިއުޅެންބޭނުންވާ ރަށެއް އަދި ސިޓީއެއް އިޙްތިޔާރުކުރުމުގެ ޙައްޤު ޤާނޫނު އަސާސީއިންވަނީ ލިބިދީފައެވެ.

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށަރަށުގައި ބިމުގެ ދަތިކަންހުރުމާއެކު މިހާރު ހިލޭ ދައުލަތުގެ ބިންތައް ދީ ހުސްކޮށްލުމަކީ މުސްތަޤްބަލްގެ ދަރިންގެ ދަރިންނަށްވެސް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެހެން ކަމުން ދައުލަތުގެ ބިން އެކި ފަރާތްތަކަށްދީ ހުސްކޮށްލުމުގެ ބަދަލުގައި ގިނަބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުކުރެވޭނެ ސަސްޓެއިނަބްލް މޮޑެލްއެއް އިޙްތިޔާރުކުރުމަކީ ވަރަށް މުހިއްމުކަމަކެވެ.

ތެދުވާހަކައެކެވެ. ހާލުގައިއުޅޭ ފަރާތްތަކަށް ވަކި އުސޫލަކުން ބޯހިޔާވަހިކަން ލިބެންޖެހެއެވެ. ނަމަވެސް އެމީހަކު އުފަންވި ރަށަށްބަލައިގެން ނުވަތަ ދާއިމީ އެޑްރެސް ހުރިރަށަށްބަލައިގެން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ދިނުމަކީ ޤާނޫނު އަސާސީއާއި ހިލާފު އަމަލެކެވެ. ރޭސިސްޓް އަމަލެކެވެ. އަޑުގަދަމީހާ ރުއްގިނަވާގޮތަށް ކޮށްގެންވާނެކަމެއްނޫނެވެ.