Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފޮޓޯތަކުގެ ސައްހަކަން ކަށަވަރު ނުކޮށް، ބަހުސްކުރަން ޖާގައޮތްކަމަށް ނުދެކެން

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ލީކު ވެފައިވާ ފޮޓޯތަކުގެ ސައްހަކަން ކަށަވަރު ނުކޮށް އެކަމާ މަޖިލީހުގައި ބަހުސްކުރަން ޖާގައޮތްކަމަށް ނުދެކޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝިދު ވިދާޅުވީ ދެ ކުއްލި މައްސަލައެއް ލިބިފައިވާ ކަމަށާއި، އަދި އެ ދެ ކުއްލި މައްސަލަ ބަލައިގަތުމާމެދު "ވަރަށް ފުންކޮށް" ވިސްނަވާފައިވާ ކަމަށެވެ.

ހުށަހަޅާފައިވާ ދެ ކުއްލި މައްސަލަވެސް ގުޅިފައިވަނީ ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކާ ގުޅޭގޮތުންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެ ފޮޓޯތަކަކީ އެކިމީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ކަމަށެވެ.

"ފުލުސް އޮފީހަށް ހުށަހަޅާފައިވާ ފޮޓޯ. އެފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރުނުވެ އެއީ އަސްލުކަމަށް ބަލާ، އެކަމާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރުން ޖާގައޮތްކަމަށް އަޅުގަނޑު ނުދެކެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝިދު ފޮޓޯގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައިވެއެވެ. ޗެއިން އޮފް ކަސްޓަޑީއަކީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ބޭނުންކުރާ ހެއްކެއް އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމުވެ.

އެކަމާ ގުޅޭގޮތުން ރައިސް ނަޝީދު ވިދާޅުވީ އެ ފޮޓޯތައް އުފެދިފައިއޮތް ހަމަތައް ދެނެނުގަނެ، އެހެން މީހެއްގެ އަބުރާ އިއްޒަތަށް ގެއްލުން ލިބޭގޮތަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެއްވެސް ކަމެއް ކުރުމަކީ މިރާއްޖޭގެ އުސޫލުތަކާ ހަމަތަކާ އާދަކާދަ ޖާގަދޭ ކަމެއް ނޫންކަމަށެވެ.

މި ކުއްލި މައްސަލަތައް ބަލައިނުގަތުމަށް ރައީސް ނަޝީދު ނިންމެވުމުން އެކަމާ އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފައިވެއެވެ.

ސޯޝަލްމީޑިއާގައި އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯތައް ލީކު ކޮށްލާފައިވާއިރު، އޭގެން އެއްމައްސަލައެއްގައި ރައީސް ނަޝީދުގެ ކޮށްކޮ ނާޒިމް ސައްތާރް ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. އަދި ލީކު ވެފައިވާ ފޮޓޮއެއްގައި ފެންނަ އެކަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.