ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް މާލެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ. ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖޫން 20 އިން 25އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަޤުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ސިއްހަތާއި، މޫސުމާ ގުޅޭ އެކި މައުޟޫއުތަކުގައި މަޝްވަރާ ކުރައްވާފައެވެ.
ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.