Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހަމައެކަނި މާލޭ މީހުނަށް ގޯތިދޭން ނިންމުން ގާނޫނުއަސާސީއާ ހިލާފު: ޖާބިރު

އަބްދުﷲ ޖާބިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެ ސަރަހައްދުން ހަމައެކަނި މާލޭ މީހުންނަށް ގޯތިދޭގޮތަށް ފެށި ޕްރޮގްރާމަކީ ޤާނޫނުއަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މާލޭގެ އާބާދީ އިތުރު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ ގެނެސް ދަފްތަރެއްގައި ޖައްސާ މާލެ ތޮއްޖެއްސުމަށްފަހު، މިއަދު ގޯތި ދޭއިރު މާލެއަށް "ހަތަރުކަށިމަތި މީހާއަށް ނޫން މީހަކަށް އެއްވެސް އެއްޗެއް ނުލިބޭގޮތަށް" އޮތް އޮތުމަކީ ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ މާލެއަށް އައި ތަރައްގީގެ ވަރަށް ބޮޑު ދައުރެއް މާލެއަށް ހިޖުރަކުރި ރައްޔިތުންގެ އެބައޮތް ކަމަށެވެ. އެމީހުން މާލެއަށް ހިޖުރަކުރީ ލާމަރުކަޒު ކުރުމުގެ ކުރިން ކަމަށާއި، އެހެންކަމުން މިހާރު އެމީހުންގެ ހައްގުތަކެއްވެސް އޮންނަންވާނެ ކަމަށެވެ.

"މާލެ ނޫން އެއްވެސްތަނަކަށް ވިހައިފި މީހަކަށް، މިމާލެއާއި މާލެ ކައިރީގެ މި ޑޮލަރު ބެލްޓުން އެއްވެސް ކަހަލަ ބިންކޮޅެއް ނުލިބޭނެ ވާހަކަ، މިވާހަކަވެސް އަޅުގަނޑު ކުށްވެރި ކުރަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މާލޭގެ މީހުންނަށް ގޯތިދޭން ރާއްޖޭގެ އެހެން ހިސާބުތަކުގެ ރައްޔިތުން ޓެކްސް ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މާލޭ މީހުންނަށް ގޯތި ދިނުމަށް އިއްޔަ ފެށި "ބިންވެރިޔާ – ގެދޮރުވެރިޔާ" ޕްރޮގްރާމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޖާބިރު ވިދާޅުވީ މިފަދަ ތަފާތު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތެއް ނޫން ކަމަށެވެ. އަދި މިފަދައިން އަމަލުކުރުމުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުން އުފެދި ގިންތިތަކަކަށް ރައްޔިތުންބެހި ހަމަހަމަކަން ނެތިގެން ހިނގައިދާނެ ކަމަށެވެ.