Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޔޯގާ ހަމަނުޖެހުން: އިތުރު ދެ މީހަކު ހައްޔަރަށް

މިދިޔަ ހަފުތާގައި ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގަލޮޅު ދަނޑަށް ވަދެ، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތަހުގީގަށް އިތުރަށް ހައްޔަރުކުރި ދެ މީހުންނަކީ ނ. މިލަދޫ، ކާނޭޝަންމާގޭ، އަބޫބަކުރު ފާރިއު، 25، އާއި ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް، 31، ކަމަށެވެ.

މި ދެ މީހުންގެ ތެރެއިން ފާރިއުގެ ބަންދަށް ކޯޓުން 60 ދުވަސް ދީފައިވާ އިރު ޝަބިންގެ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ޔޯގާ އިވެންޓާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރައިފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ޝައިހަކު ވެސް ހިމެނެ އެވެ. އަދި އެ މީހުންނަށް ދީފައި އޮތް ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް މިހާރު އޮތީ ބާތިލުކޮށްފަ އެވެ.

ޔޯގާ ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ.