Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޔޯގާއާ ގުޅޭ ފަތުވާ ނެރުނީ އިޖުރާއަތާ ހިލާފަށް: މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު – ފޮޓޯ: ރައީސް އޮފީސް

ޔޯގާގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ކަމަށްބުނާ ސިޓީއަކީ އިޖުރާއަތާ ހިލާފު ސިޓީއެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 15 ޖޫން 2022 ގައި އެމިނިސްޓްރީން ޕޮލިސް ސާވިސްއަށް ފޮނުވާފައިވާ ސިޓީއަކީ "ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން" ކަމުގައެވެ.

"އަދި އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީ މި މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ހިލާފަށްކަމުގައި ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ޔޯގާގެ ޝަރުއީ ހުކުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމު ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީ ލީކުވީ ޔޯގާ ދުވަހުގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި ފަހުންނެވެ.