Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"އިންޑިއާ އައުޓް" އިން ނުރައްކާވާތީ ހުއްޓުވަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއްކަމަށްވާތީ އެ ހަރަކާތް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ އޮތް އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިމައްސަލައިގައި ނިންމާފައިވާ ރިޕޯޓަށް މިއަދު މަޖިލީހުގައި ވޯޓަށް އެހިއިރު، އެ ރިޕޯޓް ފާސްކުރުމަށް ފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއިރު، މި ރިޕޯޓް ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއްނުވެއެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި ހުށަހަޅާފައިވަނީ، "އިންޑިއާ އައުޓް" ހަރަކާތަކި އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށްވާތީ އަދި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރެއްކުރާނެ ކަމަށްވެފައި، ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަކަމަށްވާތީ، ޤާނޫނާ ގަވާދުގައިވާ ގޮތުގެމަތިން އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާޟަތީ ހިދުމަތްތަކުން މަސައްކަތް ކުރުމަށެވެ.

އަދި "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ޤާނޫނީގޮތުން ހުރަސްތަކެއް ދިމާވާކަމަށް ދައުލަތުގެ އިދާރާތަކަށާއި، ސަލާމަތީ ހިދުމަތްތަކަށް ފެންނަނަމަ، ކަމާގުޅޭ ޤާނޫނުތައް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ކޮމިޓީ ރިޕޯޓްގައި ހުށަހަޅާފައިވެއެވެ.

"އިންޑިއާ އައުޓް" ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއްވެސް ނެރުއްވާފައިވެއެވެ. އަދި ޤާނޫނުލްއުޤޫބާތަށް އިސްލާހެއްވެސް ހުށަހެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.