Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ދަރިންނާ ބެހެނީ ސިޔާސީ ސަބަބަކަށްޓަކައި: މާރިއާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދީދީގެ ދަރިޔަކު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެ ވާހަކަ ރިޕޯޓްކުރާތީ މީޑިއާތަކުން ދަރިންނާ ބެހުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެއްޖެ އެވެ.

ވީޑިއޯގެ މައްސަލާގައި މީޑިއާއަކުން މާރިޔާ އަށް ފޮނުވި ސުވާލަކަޑް ދެއްވި ޖަވާބުގެ ސްކްރީން ޝޮޓަކާ އެކު ޓްވިޓާގައި މިއަދު ވިދާޅުވީ ކޮންމެ ވާހަކައެއްގެ ތެރެއަށް އެކަމަނާގެ ދަރިންނޭ ކިޔައިގެން ބައެއް މީޑިއާތަކުން ހެޑްލައިންތައް ހެދޭތޯ ބަލާ ކަމަށެވެ. އަދި އެކަން އެ ކަމަނާ އަށް ރައްދުކޮށް ކުރަނީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނަކަށްވާތީ ދުއްތުރާކުރަން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ސަބަބަކަށްޓަކައި ދަރިންނާ ބެހުން އެބަ ހުއްޓެން ޖެހޭ." މާރިޔާ ވިދާޅުވި އެވެ.

އޭނާ ޕޯސްޓްކުރި ސްކްރީން ޝޮޓްގައި ވިދާޅުވެފައި އޮތީ ދަރިއެއްގެ ބަދުއަހުލާގީ ވީޑިއޯއެއް ނޯންނާނެ ކަމަށާއި އެފަދަ ކަމަކާ ގުޅިގެން ބްލެކްމެއިލް ވެސް ކުރަމުން ނުދާ ކަމަށެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު އާންމުވެގެން އުޅޭ ވީޑިއޯތަކުގެ ތެރެއިން މަންޒަރު ވަރަށް ސާފު ވީޑިއޯއެއްގައި ފެންނަނީ މާރިޔާގެ ދަރިކަލުން އައްފާން އައްފާން އަބްދުއްސައްތާރު އެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮިތުގައި އޭނާ ވެސް ގުޅުން ހިންގާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހާ ވެސް ގުޅުން ހިންގި ބަންގްލަދޭޝްގެ ޒުވާނާއާ އެވެ. އަދި ދެ ވީޑިއޯ ވެސް ރެކޯޑްކޮށްފައި އޮތީ އެއް ކޮޓަރިއެއްގެ ތެރޭގައިކަން ވަރަށް ސާފުކޮށް އެނގެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ރާއްޖޭގެ ގިނަ ފިރިހެނުންތަކާ އެއްޖިންސުން ގުޅުން ހިންގާފައިވާ މީހާ އަކީ ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރް ކިޔާ 25 އަހަރުގެ މީހެއް ކަމަށެވެ. ވީޑިއޯތަކުގެ މައްސަލާގައި އޭނާ ފުލުހަށް ވެސް ހާޒިރުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.