Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ކުޑަ ފުރުސަތެއް ލިބުނަސް ނަޝީދު ވަކިކުރާނަން: އިދިކޮޅު

ކުޑަވެސް ފުރުސަތެއް ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައިސް މުހައްމަދު ނަޝީދު ވަކިކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ހުށަހަޅަން ބޭނުންވާ އަދަދަށް އިދިކޮޅު މެންބަރުން ނެތްކަމަށާއި، އަދި ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތު މެންބަރުންގެ ތާއިދު ލިބޭނެ ކަމަށް ނުދެކޭކަމަށެވެ.

އެހެންނަމަވެސް އެފަދަ ހާލަތަކަށް ގޮސް "މަޖިލިސް ރައީސް ވަކިކުރަން ފުރުސަތު ލިބެއްޖެނަމަ" އެކަން ނުކޮށް އެންމެ މިނެޓެއްވެސް ނުހުންނާނެ ކަމަށެވެ.

"އެހެންވީމާ އެފަދަ ހާލަތަކަށް ހިނގައިދާނެ. ގޮސްސިއްޔާ އަޅުގަނޑުމެނަށް ހަމަ ތިބުނާ މަޖިލިސް ރައީސް ވަކިކުރަން ފުރުސަތު ލިބެއްޖެއްޔާ އެންމެ މިނެޓެއްވެސް ނުތިބޭނަން." ސަލީމް ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ސަލީމް ވަނީ މިއަދު މަޖިލީހަށް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ނިންމުމުން އެކަމުގައި ވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ އަދި ވީޑިއޯތަކާ ގުޅިގެން ކުއްލި މައްސަލަ ލިބިފައިވާކަން ފާހަގަކޮށް އެ ކުއްލި މައްސަލަ ބަލައިގަތުމާ މެދު ވިސްނަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމަވާ މޭރުމުން ރައީސް ނަޝީދު ވާހަކަ ދެއްކެވިއެވެ.

އެކަމާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން މަޖިލިސް މެދު ކަނޑާލަންވެސް ޖެހުނެވެ.