Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް އައްޑޫގައި ކުރިއަށް

ކޮވިޑް-19 އިން ދިފާއުވާން ޖަހާ ބޫސްޓަ ޑޯޒްތަކުގެ ތެރެއިން ހަތަރު ވަނަ ޑޯޒް އައްޑޫގައި ޖަހަން ފަށައިފި އެވެ.

މި ޑޯޒަކީ ވެކްސިންގެ ފުރަތަމަ ދެ ޑޯޒްގެ ފަހުން ތިން ވަނަ ޑޯޒެއްގެ ގޮތުގައި ބޫސްޓަ ޑޯޒް ޖަހާފައިވާ މީހުންނަށް ހާއްސަ ޑޯޒެކެވެ. އެގޮތުން ހަތަރު ވަނަ ޑޯޒް 18 އަހަރުންގެ މަތީގެ މީހުންނާއި 65 އަހަރުން މަތީގެ މީހުންނަށް އައްޑޫގައި މިހާރު ވަނީ ދޭން ފަށައިފަ އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ވަނީ އައްޑޫގައި ކޮވިޑް ވެކްސިން ޖެހުމުގެ ތާވަލު މިއަދުން ފެށިގެން ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ވެސް އާންމުކޮށްފަ އެވެ. އެގޮތުން ވެކްސިން ޖެހުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް އެކަމަށް ހާއްސަކޮށްފައިވާ ގަޑިތަކުގައި ކުރިއަށް ދާނެ އެވެ.

ކޮވިޑްގެ ހަތަރު ވަނަ ޑޯޒް ދެމުން އަންނަ އިރު، ތިން ވަނަ ޑޯޒް ޖެހި މީހުންގެ އަދަދު މުޅި ރާއްޖެ އަށް ބަލާ އިރު ވެސް ނިސްބަތުން ވަރަށް މަދެވެ. އަނެއްކޮޅުން ކޮވިޑާ ގުޅޭ ގޮތުން ކުރިން އަމަލުކުރަމުން އައި ހުރިހާ ފިޔަވަޅުތަކަށް ލުއި ދިން ފަހުން، ވެކްސިން ޖެހުމަށް ދޭ ސަމާލުކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.

ރާއްޖޭގައި މިހާރު އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، މިދިޔަ ހަފުތާގައި މުޅި ރާއްޖޭން 1،200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވެ އެވެ. އެގޮތުން މި މަހުގެ 19-25 އަށް ކޮވިޑަށް ޕޮޒިޓިވްވީ 1،202 މީހުންނެވެ. މީގެ ތެރެއިން 528 މީހުންނަކީ މާލޭން ބަލި ޖެހުނު މީހުންނެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ 452 މީހަކަށެވެ. އަދި އެހެނިހެން ސަރަހައްދުތަކުން 222 މީހަކަށް ބަލި ޖެހިފައިވެ އެވެ.

މިހާރު ވެސް 51 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު މިހާތަނަށް ރާއްޖޭން 181،586 މީހަކަށް ބަލި ޖެހިފައިވެ އެވެ. އަދި ބަލީގައި މިހާތަނަށް 305 މީހަކު ވަނީ މަރުވެފަ އެވެ.