Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

އީދަށް ބަކަރި ކަތިލަނީ ފޭދޫ ޓާފުގައި، ޒުވާނުން ރަތަށް!

އަންނަ އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން އީދު ދުވަހު ބަކަރި ކަތިލިމުގެ ހަރަކާތް ފޭދޫ ޓާފު ދަނޑުގައި ބާއްވަން ނިންމައި އިއްލާނު ކުރުމާއި ގުޅިގެން ފޭދޫ ޒުވާނުން ރުޅިގަދަ ވެއްޖެއެވެ.

އައްޑޫ ކައުންސިލުން އީދު ފާހަގަ ކުރުމަށް އެކި ސަރަހައްދު ތަކުގައި އެކި ހަރަކާތް ބޭއްވުމަށް ނިންމާފައިވާ އިރު އީދު ދުވުހު ހެނދުނު 9 ޖަހާއިރު ފޭދޫގައި ބަކަރި ކަތިލަން ނިންމާފައިވަނީ ފޭދޫ ޓާފުގައެވެ. އެކަމާއި ގުޅިގެން ފޭދޫ ޒުވާނުން ވަނީ މިނޫން ތަނެއްގައި މިކަން ކުރަން ކައުންސިލަށް ނޭގުނުތޯ ބުނެ ސުވާލު އުފައްދައި ފާޑު ކިޔާފައެވެ. އަދި އެ ފުރުސަތު ކައުންސިލަށް ނުދޭނެކަމަށް ބުނެ ޒުވާނުން ވަނީ ކައުންސިލަށް ރައްދު ދީފައެވެ.

ސޯޝަލް މީޑިއާގައި ކައުންސިލުން ކުރި ޕޯސްޓަށް ޒުވާނުން ރައްދު ދޭން ފެށުމުން ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު ވަނީ އެތަނުގައި ބަކަރި ކަތިލުން ކުރިއަށް ނުގެންދާނެކަމަށް ބުނެފައެވެ. އަދި ކައުންސިލަރުން ހިމެނޭ ގްރޫޕެއްގައި ފައިސަލްވަނީ މިތަން ބަދަލު ކުރުމަށް ބުނެފައެވެ.

އީދު ފާހަގަ ކުރުމަށް ކައުންސިލުން ނިންމާފައިވަނީ މީދޫ އަދި މަރަދޫގެ ޖަމިއްޔާތަަކުން ނިންމައި ތައްޔާރުވަމުން ދަނިކޮށް ކުއްލި ގޮތަކަށެވެ. 1.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އީދުގެ ކަންކަން ކައުންސިލުން ކުރަން އުޅޭ އިރު ރަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާތަކާއި ކައުންސިލުން މަޝްވަރާ ނުކުރާތީ އެ ޖަމިއްޔާތަކުންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.