Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ދިވެހިންގެ ދިރިއުޅުން ބިނާވަނީ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް

ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ޝައުނާ މިހެން ވިދާޅުވީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ކުރިއަށްދާ އ.ދ. އޯޝަންސް ކޮންފަރެންސްގައި "އެޑްރެސިންގ މެރިން ޕޮލިއުޝަން" ގެ ނަމުގައި ކުރިޔަށްދިޔަ އިންޓަރެކްޓިވް ސެޝަނުގައި ވާހަކަދައްކަވަމުންނެވެ. މި ކޮންފަރެންސްގައި ޝައުނާ ބައިވެރިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަމްސީލް ކުރައްވާ ބޭފުޅެއްގެ ގޮތުންނެވެ.

އިންޓަރެކްޓިވް ޑައިލޮގްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝައުނާ ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ދިރިއުޅުމާއި އަދި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ބިނާވެފައި ވަނީ ކަނޑުފަޅުގެ ދިރުމާއި މުރަކައިގެ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށްކަން ފާހަގަކުރެއްވި އެވެ.

އެގޮތުން ނެޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭނާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023ގެ ދަށުން މި ސަރުކާރުން، މަދުވެގެން މުރަކައިގެ ފަރުތަކުގެ 10 އިންސައްތަ ހިމާޔަތްކުރުމާއި ކުޅި ކަނޑޫފާފަދަ ތަންތަނުގެ 20 އިންސައްތަ އަދި 2023 ގެ ނިޔަލަށް ކޮންމެ އަތޮޅަކުން މުރަކައިގެ ސަރަޙައްދެއް ހިމާޔަތްކުރެވިގެންދާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި މިހާތަނަށް ރާއްޖޭގައި 79 ތަނެއް ހިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ މުރަކައިގެ ފަރުތަކުގެ 14 އިންސައްތަކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

ޕްލާސްޓިކު ކުނިބުނި އުފެދޭ މިންވަރު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވަމުން ގޮސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ މިހާރު އަހަރެއްގެ މައްޗަށް 400 މިލިޔަން ޓަނުގެ ޕްލާސްޓިކް ކުނިބުނި އުފެދޭކަމުގަ އެވެ. މިކަމުގެ ހުރި ކަންބޮޑުވުންތައް ފާޅުކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ ޕްލާސްޓިކު ކުނިބުނީގެ ތެރެއިން އަލުން ބޭނުންކުރެވެނީ އެންމެ 9 އިންސައްތަ ކަމަށާއި ބާކީބައި ދަނީ ލޭންޑްފިލްތަކާއި އަދި ކަނޑުތައްވެސް ހިމެނޭގޮތަށް ވެއްޓަށް ގެއްލުންވާ ތަންތަނަށް ކަމުގަ އެވެ.

މިނިސްޓަރ ވަނީ ކަނޑުގެ ދިރުންތަކުންނާއި އިންސާނުންގެ ހަށިގަނޑުންވެސް މިހާރު މައިކްރޯ ޕްލާސްޓިކް ފެންނަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި ޕްލާސްޓިކުން ތަޣައްޔަރު ވުމުގެ ސަބަބުން ނާޒުކު ގުދުރަތީ ނިޒާމަށް އަސަރުކޮށް ދިރޭ ތަކެތީގެ ބައެއް ނިޒާމުތަކާއި ނަސްލުތައް ނެތިދިއުމަށް މަގުފަހިވާކަންވެސް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ވަނީ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުން ހުއްޓުވުމަށް ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުންނާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް އެތެރެކުރުމާއި، އުފެއްދުމާއި، ވިއްކުން މަނާކުރުމާއި، އަދި އޭގެ އިތުރުން، ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ވަކިކުރުމާއި، ރީސައިކަލް ކުރުމާއި، ކުނި މަދުކުރުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ވާހަކަދައްކަވާފަ އެވެ.