Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ޔާމީންގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީން އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ 09:30 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޔާމީންގެ ވަކީލުން މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމަކަށް ދާން ޖެހުމުންނެވެ.

މި ދައުވާގައި މިހާރު ހެކިބަސް ނެގުން ކުރިއަށްދާއިރު އެންމެ ފަހުން ތާވަލު ކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. އަދި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނަގާފައެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.