Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

އައްޑޫގެ ޓޫރިޒަމާއި "ޗަރުކޭސް"

ޓޫރިޒަމް ދާއިރާ އިން އައްޑު އަށް ކުރިމަގެއް އެބައޮތް ހެއްޔެވެ؟

ހަމަ ޔަގީނުން ވެސް މި ސުވާލަށް ދޭނެ ސާފު ޖަބާވެއް ގިނަ ބަޔަކަށް ނޭނގޭނެ އެވެ. ސަބަބަކީ މިހާތަނަށް އައި އިރު، ޓޫރިޒަމް ދާއިރާ އިން އައްޑު އަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނެތުމެވެ. ހޯދަން އެކަށީގެންވާ މަސައްކަތެއް ވެސް ކުރެވިފައެއް ނެތެވެ. އެކި ސަރުކާރުތަކުން ތަފާތު އެ ވާހަކައެއް މިހާތަނަށް ދައްކާފައިވެ އެވެ. ހަގީގަތަކީ އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ދެކެވެނީ ހަމައެކަނި ވާހަކަތައް ކަމެވެ. އަމަލީ ގޮތުން ކުރެވޭ މަސައްކަތެއް ނެތެވެ.

ސަރުކާރު އެއް ފަރާތުގައި ބާއްވާފައި އައްޑޫ ސިޓީ ކައުންސިލްގެ ދައުރާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަން ޖެހެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށިގެން އައީ މި ދައުރުގެ ތެރޭގައި އައްޑޫގެ ޓޫރިސްޓް އެނދު 8،000 އަށް އިތުރުކުރައްވާނެކަމުގެ ވައުދާ އެކީގަ އެވެ. އެކަމަކު އެ ކުލަވަރެއް ނެތެވެ. މިކަމަށް މަގުކޮށަން ލޯކަލް ޓޫރިޒަމްގެ ތެރެއިން އައްޑޫގައި ފުރަތަމަ ފޭހަކަށް 4،140 އެނދު ތަރައްގީކުރުމުގެ ވާހަކަ އަކީ ވެސް "އިނބިލީހުގެ ކައިވެނި" ފަދަ ވާހަކައެކެވެ.

ކައުންސިލުން އައްޑޫގެ ފަސް ސަރަހައްދެއް ޓޫރިޒަމް ޒޯންތަކުގެ ގޮތުގައި ކަނޑައަޅައި މިހާތަނަށް އެތަންތަން "ކޮށައިމޮށައި" ނޫން ކަމެއް ކޮށްފައެއް ނެތެވެ. އެއްވެސް ޒޯނެއްގައި އަމަލީ މަސައްކަތުގެ ހަގީގީ ކުލަވަރެއް ނެތެވެ. މި ޒޯންތަކުން 93 ބިމެއް ކުއްޔަށް ދޭން އިއުލާންކުރި އެވެ.

އެގޮތުން އެކި ފަހަރު މަތިން ބިންތައް އެކި ފަރާތްތަކަށް ހަވާލުކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް އައި އިރު، އެއިން ވެސް ތަނެއް އޮޕަރޭޝަނަށް ގެނެވިފައެއް ނެތެވެ. މަސައްކަތް އޮތީ ފިނިހަކަ ދުވެލީގައި ސުމެއްގަ އެވެ. އެކި ފަރާތްތަކާ ހަވާލުކުރި ބިންތަކުގައި މަސައްކަތް ކުރިއަށް ނުދާތީ ސީދާ ކައުންސިލުން ބައެއް ބިންތަކުގައި ފެސިލިޓީތައް ހަދައި، އެތަންތަން އައުޓްސޯސްކޮށްގެން ހިންގަން ނިންމި ވާހަކަތަކެއް ވެސް ދެއްކި އެވެ.

މި ވާހަކަ ފުރަތަމަ އައްޑޫ މޭޔަރު އަލީ ނިޒާރު "އައްޑޫ ލައިވް" އާ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ގަ އެވެ.

"އައްޑޫ ސިޓީ ކައުންސިލުން މިހާރު އެބަ ވިސްނަން ޒޯންތަކުން ހަވާލުނުކޮށް ހުރި ބިންތަކުގެ ތެރެއިން ބިންތަކެއްގައި ކޮންމެވެސް ގޮތަކަށް ޓޫރިޒަމް ފެސިލިޓީތަކެއް ތަރައްގީކުރަން،" އޭނާ ވިދާޅުވި އެވެ. "ބޭނުމަކީ އަވަހަށް ތަރައްގީކުރެވޭނެ ވިސްނުމަކަށް ދިއުން. އެ ވިސްނުމުގެ ތެރޭގައި އެބަ ހިމެނޭ ކައުންސިލުން ފަންޑު ހޯދައިގެން ފެސިލިޓީތަކެއް ތަރައްގީކޮށްފައި ކޮންމެވެސް ބަޔަކާ އެތަންތަން މެނޭޖްކުރަން ހަވާލުކުރުން."

އޭނާ ވިދާޅުވި ގޮތުގައި ޓޫރިަމް ޒޯންތައް ތަރައްގީކުރުމަކީ އައްޑޫގައި އަވަސްކުރަން ޖެހޭ ކަމަކަށްވުމާ އެކު މިކަން މަޑުކޮށްލައިގެން ބަލަން ތިބެވޭކަށް ވެސް ނެތެވެ.

"އެހެންވީމަ [ކަމެއް ނުކޮށް] ބަލަން ތިބުމުގެ ބަދަލުގައި މަސައްކަތްތަކެއް ފަށަން ބޭނުން ވަނީ. [މިހާރު] ކޮންމެވެސް ވަރެއްގެ އިޝާރާތްތަކެއް ލިބިފައި އެބައިން ކައުންސިލުން މަސައްކަތްކޮށްފި ނަމަ މިކަމަށް ފަންޑް ވެސް ފަސޭހަ އިން ލިބިދާނެ ކަމަށް. އެހެންވެ ޒޯންތަކުގައި ތަރައްގީކުރެވޭ ތަންތަނުގައި އަޅުގަނޑުމެން އެބަ ބަލަން މަދުވެގެން ފަސް ސަތޭކަ ނޫނީ ހާހެއްހާ ކޮޓަރި ތަރައްގޫކުރެވޭނެ ތަފާތު ވިސްނުމަކަށް ދާން ވެސް." ނިޒާރު ވިދާޅުވި އެވެ.

ކައުންސިލްގެ މި ވިސްނުމުގެ ތެރެއިން ޓޫރިޒަމް ޒޯންތަކުން ބިންތަކެއް ނެގިޔަސް މިހާތަނަށް އައި އިރު، މަސައްކަތުގެ ގޮތުން އައި އެއްވެސް ކުރިއެރުމެއް ނެތެވެ. އަނެއްކޮޅުން ޓޫރިޒަމް ޒޯންތަކުގެ އެންމެ ރަނގަޅު ކަމަށް ބެލެވޭ ބިންތަކާ "ކައުންސިލުން ހަވާލުވުމުން" ދެން ހުރި ބިންތަކަކީ "މާ ބޮޑު މާކެޓެއް" އޮތް ބިންތަކެއް ކަމަަށް ނުބެލެވޭތީ އެތަންތަނާ ހަވާލުވި ގިނަ ފަރާތްތަކުން މިހާރު ތިބީ "ދެއަތް އުރާލައިގެން" ނެވެ.

އެހެންވެ އައްޑޫގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީކޮށް ފުޅާކުރާ ވާހަކަ އަކީ މިހާރު "ފާޑެއް" ގެ ޗަރުކޭހެކެވެ.

ތަރައްގީކޮށްފައި ތިން ރިސޯޓްގެ ތެރެއިން ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ވިލިގިލި ރިސޯޑް އެންޑް ސްޕާ ބަންދުކޮށްފައި އޮންނަތާ ތިން އަހަރު ވަނީ އެވެ. މިކަން ކޮޅެއްގައި ނުޖެހި، ޓޫރިޒަމް މިނިސްޓްރީ ވެސް އަށް ކުރެވޭނެ ކަމެއް "ނެތިފައި" އޮތް އިރު، އެ ރިސޯޓް މިހާރު އޮތީ ވިއްކައިލަން އިއުލާންކޮށްފަ އެވެ.

ދެން އޮތީ ކޮވިޑާ ހެދި ބަންދުކޮށްފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން ހުޅުވިޔަސް "ނަމަކަށް" ހުޅުވާފައި އޮތް ކެނަރީފް ރިސޯޓްގެ ވާހަކަ އެވެ. އެތަނުގެ މެނޭޖްމަންޓުން ދާދި ފަހުން ބުނެފައިވާ ގޮތުގައި ރިސޯޓަކަށް ޓޫރިސްޓުނެއް ނުދެ އެވެ. ކެނަރީފަކީ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

ތިން ރިސޯޓްގެ ތެރެއިން މި ވަގުތު ކިރިޔާ ވެސް އެއްޗަކަށްވާ ކަހަލަ ގޮތަކަށް ހިންގަނީ 2019 ގައި އޮޕަރޭޝަނަށް ގެނައި ސައުތު ޕާމް ރިސޯޓެވެ.

އައްޑޫގައި ހުރި ޓޫރިސްޓް ފެސިލިޓީތަކަށް ބަލާ އިރު، ގަމުގެ އީކްއޭޓަ ވިލެޖަކީ ނަސީބެކޭ ބުނެވިދާނެ އެވެ. މިހާރު އައްޑޫގައި ހުރި އެންމެ ދުވަސްވި މި ޓޫރިސްޓް ފެސިލިޓީ އަކީ ހުޅުވި ގޮތަށް، ގޮންޖެހުންތަކާ އެކީ ވެސް ހިންގަމުން އަންނަ ތަނެކެވެ. ތަނުގެ މެނޭޖްމަންޓަށް ވަރަށް ފަހުން ގެނެވުނު ބަދަލުތަކާ އެކީ އީކްއޭޓަ ވިލެޖަށް މިހާރު ތަރައްގީގެ ބޮޑެތި ކުލަވަރުތަކެއް ވެސް ގެނެސްފައިވެ އެވެ.

އައްޑު އަކީ މިހާރު ގިނަ އަދަދަކަށް ގެސްޓްހައުސް ވެސް ހުރި ތަނެކެވެ. އަދި މިހާރު ވެސް އެފަދަ ތަންތަން މާކެޓަށް ނެރެން ތައްޔާރުވަމުން އަންނަ ތަނެކެވެ. އެކަމަކު މި ދާއިރާގެ މީހުންނަށް އޮތް އެންމެ ބޮޑު މައްސަލަ އަކީ ޕޮލިސީ ލެވެލްގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރާ ވާހަކަ ދައްކާ އިރު އެންމެ ބޮޑު އެއް މައްސަލަ އަކީ ބީޗް ނެތުމުގެ މައްސަލަ އެވެ. ހާއްސަކޮށް ގެސްޓްހައުސްތަކަށް މިއީ ވަރަށް ބޮޑު ޗެލެންޖެކެވެ. އެކަމަކު މިކަމަށް ވެސް މިހާތަނަށް ކައުންސިލަށް ހައްލެއް ހޯދައިދެވިފައެއް ނެތެވެ. މިހާރުގެ ކައުންސިލުން ވެސް މިކަމާ ގުޅޭ ގޮތުން "ފާޑުފާޑު ވާހަކަ" ދެއްކުން ނޫން ކަމެއް ނުކުރެ އެވެ.

އިންޓަނޭޝަނަލް އެއާޕޯޓަށް އޮތަސް އެއީ އައްޑޫގައި ނަމަކަށް އޮތް ތަނެކެވެ. އަބަދު ވެސް ދައްކަނީ އެއާޕޯޓް ތަރައްގީކުރާ ވާހަކަ އެވެ. އެ އެއާޕޯޓްގެ އޮޕަރޭޝަންތައް ރަނގަޅުކޮށް، އައްޑޫގައި މި ވަގުތު ހުރި އެނދުތައް ފުރާނެ ގޮތަކާއި މާކެޓް އިތުރަށް ހޯދާނެ ގޮތަކާ ބެހޭ ގޮތުން ވެސް ސަރުކާރާއި ކައުންސިލުން ވެސް ޒިންމާދާރު މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ. މި ވަގުތު ގަމަށް އުދުހޭ ހަމައެކަނި ބޭރުގެ އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ.

އެހެންވެ މި ހުރިހާ ކަންކަމަކާ ގުޅުވާފައި އައްޑޫގައި ޓޫރިޒަމް ފުޅާކޮށް، ތަރައްގީކުރާ ވާހަކަ ސިފަކުރަން ޖެހެނީ "ސިޔާސީ ޗަރުކޭހެއް" ގެ ގޮތުގަ އެވެ. މިއީ ހަމައެކަނި ސިޔާސީ މަންފާއެއް ހޯދަން ބޯމަތިވާ ދަނޑިވަޅުތަކުގައި ދައްކަން އޮންނަ ސިޔާސީ ވާހަކައެކެވެ.