Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ޔޯގާއާ ގުޅޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔު ހޯދަނީ

ޔޯގާގެ މައްސަލާގައި ފަތުވާ މަޖިލީހުގެ ރައުޔު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގުތީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކާ އުފައްދާފައިވާ މަޖިލީހެއް ކަމަށެވެ.

ނަމަވެސް ސަރުކާރުން އިސްނަގައިގެން މި މަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ހަމަނުޖެހުންތައް ހިނގިއިރު، ޔޯގާ ހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔު ނުނެރެ މިހާ ގިނަ ދުވަސްވެގެން ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި ވަނީ ފަތުވާ މަޖިލީހުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކޮށްފައި ނުވަނީ ކީއްވެތޯ އާއި އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކާ ސަރުކާރުން ކަންކަން ރާވާފައިވާ ގޮތްތަކަކީ ކޮބައިކަމާއި ޔޯގާ ހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދިނުމަށް ވެސް އެދިފަ އެވެ.