Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ: ގާސިމް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިރޭ ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެދިގެން އަންނަ މައިގަނޑު އެއް ބޭނުމަކީ ވެރިކަމަށް އައުން ކަމަށާއި އެމަގުން މަސައްކަތް ކުރުމަކީ ޖުމްހޫރީ ޕާޓީގެ ވެސް އަސާސް ބިނާވެފައި އޮތްގޮތް ކަމަށެވެ.

"އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައި އޮތީ ރިޔާސީ ކެނޑިޑޭޓަކު ޖޭޕީން ނެރޭނެ. އެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ އެނގޭނީ ކޮންގަރެސް އާ ކައުންސިލް ހޮވީމަ. ހަމަގައިމުވެސް އަޅުގަނޑުމެން ބާކީ ވެގެން ނުދާނެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ވެރިކަމަށް ނިކުންނާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ އެކަނިތޯ ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޖޭޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީ އަކުންތޯ ނުވަތަ ކޮންގްރެސްއަކުންކަންވެސް ކަނޑައަޅާނެ ކަމަށާއި އެކަންކަން ޕާޓީގެ ކައުންސިލުން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދަވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"ކޮންގްރެސްއިން ނިންމާނެ ކަންތައްތަކެއް. އަޅުގަނޑަށް ޔަގީން ކޮންގްރެސްއަކުން ނުނިންމާނެކަން ރިޔާސީ އިންތިހާބަށް މީހަކު ނެރެގެން ނުވާނޭ ކިޔާފަކައެއް." ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމް ވަނީ ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީގެ ބާކީނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ޖުމްހޫރީ ޕާޓީއަށް ކޮށްދެވެން ހުރީ ސިޔާސީ ގޮތުން ބާރުވެރިކަން ލިބިގެން ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދުތައް އޮތްގޮތަށް ރައްޔިތުންނަށް ޑެލިވާ ކުރެވޭނީ ހަމަގައިމު ވެސް އަޅުގަނޑުމެންނަށް ބާރުތަކެއް ލިބިގެންނޭ. އަޅުގަނޑުމެން ދަލު ބޭރުން ޖެހިގެން ތިބެގެން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަން ރައްޔިތުން އެކަން ގަބޫލުކުރައްވަން ޖެހޭނެ ހަމަގައިމު ވެސް." ގާސިމް ވިދާޅުވި އެވެ.