Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮމަންވެލްތާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ

ކޮމަންވެލްތުގައި ހިމެނޭ ގައުމަތަކަށް އެއްޖިންސުން ގުޅުން ހިންގަން ހިތްވަރުދޭތީ އެ ޖަމާއަތުގައި އިސްލާމީ ގައުމުތައް އޮތުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތު އުފެދިގެން އައި މަގުސަދާ ހިލާފުވަމުންދާ އިރު، ކޮމަންވެލްތުގެ ކުޑަ ދަށުގައި އިސްލާމީ ގައުއުތައް އޮންނާކަން ނުޖެހޭނެ ކަމަށެވެ.

"ކޮމަންވެލްތުގައި ދެމި ތިބުމާ މެދު އިސްލާމީ ގައުމުތަކުން ދެވަނަ ވިސްނުމަކަށް ގޮސް އިނގިރޭސި ފިކުރީ އިސްތިއުމާރު ނިމުމަކަށް ގެންނަން ޖެހޭ." ޝަހީމް ވިދާޅުވި އެވެ.

ރާއްޖެ ވެސް ބައިވެރިވާ ކޮމަންވެލްތުގައި ރާއްޖެ ފަދަ އިސްލާމީ ގައުމުތައް ތިބުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައި މި ވަނީ އެލްޖީބީޓީ ނުވަތަ އެއްޖިންސުން ގުޅުން ހިންގުމުގެ ސަގާފަތް ޕްރޮމޯޓްކޮށް، އެކަން އިންސާނީ ހައްގެއްގެ ގޮތުގައި ހަދައި އެފަދަ ހަރަކާތްތައް ހިންގަން ހިތްވަރު ދިނުމުގެ ގޮތުން އިނގިރޭސިވިލާތުން ގައުމުތަކަށް 2.7 މިލިއަން ޕައުންޑް އެހީގެ ގޮތުގައި ދޭން ނިންމުމާ ގުޅިގެންނެވެ.

އެ އެހީގެ ވާހަކަ އިނގިރޭސި ސަރުކާރުން އިއުލާންކޮށްފައި ވަނީ މިދިޔަ ހަފުތާފައި ރުވާންޑާގައި ކޮމަންވެލްތުގެ އެންމެ ފަހުގެ ބައްދަލުވުން ވެސް ބާއްވާފައި ވަނިކޮށެވެ. އެ ބައްދަވުމުގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އިނގިރޭސިވިލާތް ހިމެނޭ ޔޫރަޕަކީ ވާރޭދުނީގެ ކުލަތަކާ އެކީ އެއްޖިންސުން ގުޅުން ހިންގުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ ތަނެކެވެ. އަދި މިއީ އެ މީހުން މުޅި ދުނިޔެ އަށް ފަތުރަން އެކި ގޮތްގޮތުން ވަރަށް ފުޅާކޮށް މަސައްކަތްކުރާ ކަމެކެވެ.