Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

ވެށި ހަލާކުކޮށްގެން ކުރިއެރުވޭނެ ޓޫރިޒަމެއް ނޯންނާނެ

ސ. ހިތަދޫ، ފޮޓޯ: ޝަރަފު

އައްޑޫ ސިޓީގެ ތިމާވެށި ހަލާކުކޮށްގެން ކުރިއެރުވޭނެ ޓޫރިޒަމެއް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުއާ ދެކޮޅު ޖަމިއްޔާތަކުން މިއަދު ބުނެފި އެވެ.

އައްޑޫ ބިން ހިއްކުމުގެ މައްސަލައާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތިމާވެށްޓާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަމުން ސޭވް މޯލްޑިވްސް ކެމްޕޭނުގެ ފަރާތުން ވާހަކަދައްކަމުން ހުމެއިދާ އަބްދުލްޣަފޫރު ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ ފަސް ރިސޯޓު ހެދުން ކަމަށާއި ނަމަވެސް އައްޑޫ ހަލާކުކޮށްގެން ފަސް ރިސޯޓު ހަދައިގެން ކުރިއެރުވޭނެ ޓޫރިޒަމެއް ނޯންނާނެ ކަމަށެވެ.

އެގޮތުން އެންމެފަހުން ހެދުނު ތިމާވެއްޓާއި ބެހޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ އެކްސްޕޯޓް އާމްދަނީގެ 98 އިންސައްތަ ބަރޯސާވަނީ ވެށިން ލިބޭ ނަފާގެ މައްޗަށް ކަމަށާއި އަދި 71 ޕަސެންޓް ވަޒީފާ ބަރޯސާވަނީ ވެސް އެ ދާއިރާ އަށް ކަމަށް ހުމެއިދާ ވިދާޅުވި އެވެ.

"އެހެންވީމަ އެއްގޮތަކަށް ވެސް ދެކޮޅަށް ނުޖެހޭ އައްޑޫ ފަނާކޮށްގެން، އައްޑޫ ކުރިއެރުވޭނެ ގޮތެއް ހޯދޭނެ ކަމަކަށް." ހުމެއިދާ ވިދާޅުވި އެވެ.

ހުމެއިދާ ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓުން އައްޑޫގެ ވެށީގެ 42 އިންސައްތަ އަށް ނުރަނގަޅު އަސަރު ކުރާނެ އެވެ. އަދި މުރަކަ ފަރުގެ 21 އިންސައްތަ މި ޕްރޮޖެކްޓުގެ ސަބަބުން ހަލާކުވެގެންދާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ހަތަރު ސަރަހައްދެއްގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް ބަޔަކާއި ހަވާލުކޮށްފައިވާއިރު މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިޔާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 'ވަން-އޮފް' މަޝްރޫއުއެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރެޒިޑެންޝަލް، ކޮމާޝަލް، އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް އައްޑޫ ސިޓީގެ ހިތަދޫ، ހުޅުދޫ/މީދޫ (38 ހެކްޓަރު، 5 ހެކްޓަރުގެ 2 ރިސޯޓް ރަށާއި ލައިގެން) އަދި މަރަދޫ/މަރަދޫފޭދޫ (75 ހެކްޓަރު) ގައި ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫގެ މަގުތައް ތަރައްގީކޮށް ބިން ހިއްކުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އެގޮތުން އައްޑޫގެ އިގްތިސާދު ކުރިއަރުވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމެންޓްތައް އައްޑޫއަށް ގެނައުމަށްޓަކައި ސަރުކާރުން ވަނީ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭ.ޑީ.ޕީ) ގެ ނަމުގައި ބޮޑު މަޝްރޫއުއެއް ވެސް ފަށާފައެވެ.