Last Updated: June 29, 21:20
Monday, June 29, 2026
ކުޅިވަރު

"އެންމެ ހިތްގައިމު ސްޓޭޑިއަމަކީ ހިތަދޫ ޒޯން ސްޓޭޑިއަމް"

ރާއްޖޭގެ އެންމެ ހިތްގައިމު، އެންމެ ހިތް ފަސޭހަ ސްޓޭޑިއަމަކީ ހިތަދޫގައި މިހާރު ހަދަމުން އަންނަ ޒޯން ސްޓޭޑިއަމް ކަމުގައި ކުޅިވަރާއި ބެހޭ ވަޒީރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް އެރީނާ ތަކާއި، އޭއެފްސީ ޗެލެންޖް ކަޕާއި ގުޅޭ ގޮތުން "އައްޑޫލައިވް" ދެއްވި އިންޓަވިއުއެއްގައި މަލީހް ވިދާޅުވީ ރާއްޖޭގައި މިވަގުތު ހެދިފައިވާ އެންމެ ހިތްގައިމު ސްޓޭޑިއަމަކީ ހިތަދޫ ސްޓޭޑިއަމް ކަމަށެވެ.

"ވަރަށް ހިތް ގައިމު، ހިތްފަސޭހަ ސްޓެޑިއަމްއެއް މި ސްޓޭޑިއަމަކީ، މިތަނުގެ ކަންކަން ހަމަޖެހިފައިވަނީ ވަރަށް ފުރުހަމައަށް، ވީއައިޕީން ތިބޭ ތަނާއި، ކުޅިވަރު ބަލަންދާ މީހުން ތިބޭނެ ގޮތް ހަމަޖެހިފައިވަނީ ވަރަށް ފުރިހަމައަށް. އަދި ޓީމުތަކާއި، ޓީމުތަކުގެ އޮފިޝަލުންގެ ކަންކަންވެސް މިތަނުގައި ނިމޭއިރު ހުންނާނީ ވަރަށް ފުރިހަމައަށް" މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ އޭއެފްސީގެ ގްރޫޕް ބީގައި ކުޅޭ ޓީމްތައް ތިބެން ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައި ކަމަށެވެ. އެހެންވެ ޓީމްތައް ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓް ބޯޅަ ދަނޑާއި، ހުޅުދޫ ބޯޅަ ދަނޑުގައެވެ.

"އަޅުގަނޑުމެން ގޮސް ދަނޑުތައް ބަލއިފިން، މީދޫ ދަނޑު އެރަށު ޒުވާނުންކޮޅެއް ދަނީ ވިނަ ހައްދައި ތައްޔާރު ކުރަމުން، ހުޅުދޫ ދަނޑުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާ ގޮތަށް"

މަލީހް ވިދާޅުވީ ކުޅިވަރު އެރީނާތައް ގާއިމް ކުރުމަށް ހުޅުދޫން ނިންމާފައިވަނީ ހެރެތެރެ ކައިރީ އޮތް ފުޓްބޯޅަ ދަނޑާއި، ހުޅުދޫ ބަނދަރު ސަރަހައްދުގައި ކަމަށެވެ. އެގޮތުން ފުޓްބޯޅަ ދަނޑާއި ދުވާ ޓްރެކް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހެރެތެރެ ކައިރީ އޮތް ދަނޑުގައި ކަމަށެވެ. އަދި އިންޑޯ ކުޅިވަރު ކުޅޭތަން ހެދުމަށް ނިންމާފައިވަނީ ބަނދަރު ސަރަހައްދުގެ ޒުވާނުންގެ މަރުކަޒު ކައިރީ ކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ މީދޫ ކުޅިވަރު އެރީނާ މިހާރުގެ މީދޫ ބޯޅަ ދަނޑު ސަރަހައްދުގައި ހަދަން ވިސްނާފައިވާ ކަމަށާއި، ހިތަދޫގެ މައިމަރުކަޒު ގާއިމް ކުރާނީ ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.

މަލީހް ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި މުބާރާތް ވަރަށް ބޮޑަށް އިޝްތިހާރު ކުރާނެކަމަށެވެ.