Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބިން ހިއްކިޔަސް ބޭނުމެއް ނުކުރޭ: އީޕީއޭ

ރާއްޖޭގެ ރަށްރަށަށް ބިމުގެ ދަތިކަން ކުރިމަތިވެގެން ބިން ހިއްކިޔަސް، ހިއްކި ގިނަ ބިންތައް ހުންނަނީ ބޭނުން ނުކޮށް ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އައްޑޫގެ ބިން ހިއްކަން ރާވާފައިވާ ބޮޑު މަޝްރޫއާ ގުޅިގެން ޖަމިއްޔާތަތަކުން ފާޅުކުރަންދާ ކަންބޮޑުވުންތާ ގުޅިގެން އެ ޖަމިއްޔާތަކާ އެކު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓަ ޖެނެރެލް އިބްރާހީމް ނައީމު ވިދާޅުވީ ބިން ހިއްކުމަކީ ރާއްޖޭގައި އާންމު ކަމަކަށް ވިޔަސް އެއީ ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ސަބަބަކީ ބިން ހިއްކުމަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށްވެފައި، މީގެ ސަބަބުން ވެއްޓަށް ނޭދެވޭ އަސަރު ވެސް ކުރާތީ އެވެ. އެކަމަކު އަބަދު ވެސް ކޮންމެ ސަރުކާރަކުން ވެސް ބިން ހިއްކަނީ ގެއްލުންތައް ވީހާ ވެސް ކުޑަވާނެ ގޮތްގޮތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ނައީމު ވިދާޅުވީ ކަންބޮޑުވުމަކީ އެތައް ކަމެއް ގުރުބާންކޮށްފައި ރަށްރަށުން ބިން ހިއްކިޔަސް އެ ބިންތަކުގެ ބޭނުން ނުކޮށް ހުރުމެވެ. އެގޮތުން މިހާރު ވެސް ހިއްކި އެތަނެއް ބިމެއްގެ ބޭނުން އެދެވޭ ގޮތަކަށް ބޭނުން ނުކޮށް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"މީގެ ވިއްސަކަށް އަހަރު ކުރިން ހިއްކާފައި ހުރި ބިން އެބަހުރި ވިނަ ފަޅާލާފައި އެއްވެސް ކަމަކަށް ދޫނުކުރެވި،" ނައީމު ވިދާޅުވި އެވެ. "ހިއްކި ގިނަ ތަންތަނުގެ ބޭނުން އެކަށީގެންވާވަރާ ގާތަށް ވެސް ނުކޮށް ހުރީ. އެހެން ހުއްޓާ އެތަނާ ކައިރިން އަނެއްކާ އިތުރު ބިމެއް އެބަ ހިއްކަން އެދޭ."

އޭނާ ވިދާޅުވީ ގޮތުގައި މިފަދަ ސަބަބުތަކާ ހެދި ބިން ހިއްކުމަކީ ކޮންމެހެން ކުރަން ވެސް ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެހެންވެ، އަޅުގަނޑުމެން ތަންތަން ހިއްކާއިރު އެއިރެއްގައި ބޭނުން އޮތް މިންވަރަކަށް، ކޮންމެހެން ހިއްކަން ޖެހޭ ތަނެއް ނޫނީ ނުހިއްކުމަކީ ވަރަށް މުހިންމު ކަމެއް." ނައީމު ވިދާޅުވި އެވެ.

އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެެއް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޭދޫ ވަށައިގެން 50 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އެކަމަކު މިހާތަނަށް ހިއްކި ބިމުން އާންމު އުސޫލުން ގޯއްޗާއި ވިޔަފާރީގެ ބޭނުމަށް ވެސް ބިމެއް ދޫކޮށްފައެއް ނުވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ފޭދޫ ހިއްކި ބިމުން ދިރިއުޅެން 1،500 އަކަަފޫޓްގެ 100 އެއްހާ ގޯތި ދޫކުރަން ޕްލޭންކޮށްފައިވެ އެވެ. އެކަމަކު އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ އިރެއް އަދި ނޭނގެ އެވެ.

އައްޑޫން ބިއް ހިއްކަން ނެދަލޭންޑްސްގެ ވެން އޫޑްއާ ސަރުކާރުން ހަވާލުކުރީ މިދިޔަ މާޗް މަހުގެ 27 ގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ