Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ހިތަދޫގައި ވަގުތީ މަސް މާރުކޭޓެއް ހަދަނީ

ހިތަދޫ ބަނދަރު މަތީގައި ކުރިން ބޭނުން ކުރި މަސް މާރުކޭޓް.

އައްޑޫ ހިތަދޫ ބަނދަރު މަތީގައި ވަގުތީ މަސް މާރުކޭޓެއް ހަދަން ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. ބަނދަރު މަތީގައި ވަގުތީ މަސް މާރުކޭޓެއް ހެދުމުގެ މައްސަލަ ބައްދަލުވުމަށް ހުށަހެޅުއްވީ ހިތަދޫ ރަސްގެދަރި ދާއިރާގެ މެންބަރު ހުސެއިން ޒަރީރެވެ. އޭނާ ވިދާޅުވީ ހިތަދޫ ބަނދަރުމަތީގައި ވަގުތީ މަސް މާރުކޭޓެއް ހަދަން ހުށަހެޅީ މިހާރު ހިތަދޫގައި އާންމުކޮށް މަސްކަނޑަނީ ހިތަދޫ ލިންކް ރޯޑާ ދިމާ މަލަމަތިން ކަމަށްވެފައި އެތަނުގައި އެކަން ކުރުމަީެތައް ބަޔަކަށް އުނދަގޫވާ ކަމަކަށްވާތީ ކަމަމަވެ. އަދި އެކަމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.

މިހާރު މަސް ކަނޑައި ވިއްކާ ސަރަހައްދަކީ އެކި ބާވަތުގެ ތަފާތު ވިޔަފާރިތައް ވެސް ހިންގަމުން އަންނަ އަދި ސްކޫލާއި ގެސްޓް ހައުސްތަކެއް ވެސް ހުރި ސަރަހައްދެކެވެ.

އެހެންވެ ޒަރީރު ހުށަހެޅި މައްސަލައާ ގުޅިގެން ކައުންސިލުން މަޝްވަރާކުރުމަށް ފަހު އަޢުލަބިއްޔަތުން ނިންމީ ހިތަދޫ ބަނދަރުމަތީގައި ވަގުތީ މަސް މާރުކޭޓެއް ހެދުމަށެވެ. ކުރިން ބަނދަރުމަތީގައި މަސް މާރުކޭޓެއް ހިންގި އެވެ. ނަމަވެސް ކުރީގެ ކައުންސިލުން އެތަން ވަނީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. އެއީ ދާދި ފަހުން އައްޑޫގައި ކުކުޅުގެ ވިޔަފާރި ފެށި ބީޓެކަށެވެ.

ވަގުތީ ގޮތުން ހަދަން ނިންމި މަސް މާރުކޭޓަކީ ހިތަދޫ ބަނދަރުގެ މަސައްކަތް ނިމި، ހާބާ ކޮމްޕްލެކްސްއެއް ގާއިމުކުރެވެންދެން ބޭނުން ކުރަން ހަދާ ތަނެކެވެ. ވަގުތީ މަސް މާރުކޭޓް ހަދަން ގާތްގަނޑަކަށް ކައުންސިލުގެ ބަޖެޓުން 100،000ރ. ގެ ބަޖެޓެއް ވަނީ ހަމަޖައްސައިފަ އެވެ.

ވަގުތީ މަސް މާރުކޭޓް ހަދަން ނިންމާފައި ވަނީ އައްޑޫ ޕަބްލިކް ވޯކްސްއާ ހަވާލުކޮށްގެންނެވެ.

ހިތަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 2 ގަ އެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 52.43 މިލިއަން ޑޮލަރަށެވެ.