Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

އައްޑޫ ބިން ހިއްކަން އަދިވެސް ހުއްދަ ނުދޭ

ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ 27 ގައި.

އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހެޅި ނަމަވެސް އަދިވެސް ބިން ހިއްކަން ހުއްދަ ނުދޭ ކަމަށް އެތަނުން ބުނެފި އެވެ.

ވޯޓަ ސޮލިއުޝަނާ ހަވާލުކޮށްގެން ހެދި އީއައިއޭ ރިޕޯޓް އީޕީއޭ އަށް ހުށަހެޅީ މީފެ ފަސް މަސް ކުރިންނެވެ. އީއައީއޭގައި ބިން ހިއްކައިފި ނަމަ އައްޑޫގެ ވެއްޓަށް އިޔާދަނުކުރެވޭ ފަދަ އެތައް ގެއްލުމެއް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މިކަން ހުއްޓުވަން ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން އަންނަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ.

ނަމަވެސް އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީން ވެސް ތަކުރާރުކޮށް ބުނެފައި ވަނީ ބިން ހިއްކުން ކުރިއަށް ގެންދާނީ ވީހާ ވެސް ގެއްލުން ކުޑަވާނެ ގޮތަށް ކަމަށާއި އެ މަޝްރޫއު ހުއްޓައި ނުލާނެ ކަމަށެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ވެން އޫޑް އިން ވެސް އިން ބުނެފައި ވަނީ މިއީ ވެއްޓަށް ބަލައިގެން ވަރަށް ފަރުވާތެރިކަމާ އެކު ހިންގާނެ މަޝްރޫއެއްކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެން އޫޑް އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ 27 އެވެ.

މިކަމަށް ހުއްދަ ނުލިބި ދިގުދެމިގެންދާ އިރު އީޕީއޭ އިން ބުނީ ހުއްދަ ދިނުން ލަސް ވަނީ އީއައިއޭ ރިޕޯޓަށް ބަދަލުތަކެއް ގެނައުމުގެ ކަންކަން ކުރިއަށްދާތީ ކަމަށެވެ. އަދި އެތަނުން މިކަމަށް ހުއްދަ ދޭނީ ބިން ހިއްކުމުން ލިބޭނެ ގެއްލުން ވީހާ ވެސް ކުޑަވާނެ ހުރިހާ ގޮތެއް ބެލުމަށް ފަހު ކަމަށް ބުންޏެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ޖުމްލަ 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ
* މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާނެ

އައްޑޫ އެންމެ ފަހުން ބިން ހިއްކާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގަ އެވެ. އޭރު ފޭދޫ ވަށައިގެން 50 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އަލަށް ފަށާ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އައްޑު އަށް ކުރިމަތިވެފައި އޮތް ބިމުގެ ދަތިކަން 50 އަހަރަށް ހައްލުވެގެން ދާނެ އެވެ.