Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

މަސްދަރު ހާމަކުރެވޭ ބިލް ފާސްކުރާނެ: ނަޝީދު

ހެއްކާ ބެހޭ ބިލްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެ މައްސަލާގައި އެ ބިލް ފާސްކުރުން މަޑިޖައްސާލުމަަށް އެދި ނޫސްވެރިން މިއަދު އަޑު އުފުލާފައި ވަނިކޮށް އެ މައްސަލާގައި މި ވަގުތަށް ހޯދައި ދެވޭނެ ހައްލެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ކައިރި އަށް އެއްވި ނުސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އެ ކަންބޮޑުވުންތައް ހުށަހަޅަން އެކަށީގެންވާ މުއްދަތު ލިބުނު ކުރިން ދީފައިވާނެ ކަމަށާއި މި ވަގުތަށް އޮތް ގޮތަކީ މަޖިލީހުން ބިލް ފާސްކުރުން ކަމަށެވެ. އަދި އޭގެ ފަހުން އިސްލާހެއްގެ ގޮތުގައި ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް ބަލައިގަންނާނެ ކަމަށާއި އެކަމަކު މިއަދު ހުށަހެޅި ކަންބޮޑުވުންތަކަށް މިހާރު ވަގުތެއް ނެތް ކަމަށެވެ.

"ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން،" ނަޝީދު ވިދާޅުވި އެވެ." އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި [ބިލު ފާސްކޮށްފައި] އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން. އަޅުގަނޑުމެންނާ އެކީގައި މި އަންނަ ދައުރުގައި މި މަސައްކަތް ކުރަން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން."

ހެއްކާ ބެހޭ ބިލާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް މިއަދު އެ ބިލު ފާސްކުރަން އެޖެންޑާކޮށްފައިވެ އެވެ.

މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.

އެހެންވެ މިއީ ނަމަ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.