Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ޢަލްމާނިއްޔަތުގެ ނުރައްކާ؛ ނިޒާމު ފުނޑުފުނޑުކޮށްލުން!

ޢަލްމާނީ ފިކުރަކީ އިންސާނީ ޙަޔާތުގެ އެކިއެކި ދާއިރާތަކުން ދީން އެއްކިބާކޮށް އެކަހެރި ކުރުމަށް ގޮވައިލާ ފިކުރެކެވެ. ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން އެންމެ ބޮޑަށް އޮތް އެއް ދާއިރާއަކީ އިސްލާމީ ޢާއިލީ ނިޒާމުގެ ދާއިރާއަށް ކަމަށް ބުނެވިދާނެއެވެ.

ޢަލްމާނީ ފިކުރަކީ މުޠުލަޤަށް ފަރުދީ މިނިވަންކަމަށް ބިނާވެފައިވާ ފިކުރެކެވެ. މި ފިކުރު ތަންފީޒު ކުރެވޭ މުޖުތަމަޢެއްގައި އިސްލާމީ ޢާއިލީ ނިޒާމެއް ނޯންނާނެއެވެ. އެހެނީ، ފަރުދީ މިނިވަންކަމަކީ ދީނީ ގޮތުން މުޠުލަޤަށް ދެވިފައިވާ މިނިވަންކަމެއް ނޫނެވެ. އިސްލާމީ ޢާއިލީ ނިމާޒަކީ ވަރަށް ވަރުގަދަ ނިޒާމެކެވެ. އެ ނިޒާމުގައި، މައިންބަފައިންނަކީ ދަރިންގެ ކަންކަމުގައި މުހިންމު ދައުރެއް އަދާ ކުރާ އެންމެ އިސް ފަރާތެވެ.

ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އިސްލާމްދީނުގައި އަޅުއްވާފައި ވަނީ މައިންބަފައިންގެ ކޮނޑުގައެވެ. އެ ކުދީންނަށް ހެޔޮ މަގާއި، އުޅެންވީ ރަނގަޅު ގޮތާއި، ރިވެތި އަޚްލާޤާއި ހެޔޮ ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ އެންމެ އިސް ވާޖިބެވެ. ޤުރުއާނުގައި ވަނީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސާއި ތިޔަބައިމީހުންގެ އަނބިދަރީންގެ ނަފްސުތައް ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ. ޙަދީޘުގައި ވަނީ، ކޮންމެ ކުއްޖެއް ވެސް ދުނިޔެއަަށް އަންނަނީ ފިޠުރަތުގެ ސާފު ކަންމަތީގައެވެ. އެއަށް ފަހު، އޭނާ ޔަހޫދީ ކުރަނީ ވެސް، ނަޞާރާ ކުރަނީ ވެސް އޭނާގެ މަައިންބަފައިން ކަމެވެ.

ނަމަވެސް ޢަލްމާނިއްޔަތު ތަންފީޒު ކުރެވޭ މުޖުތަމަޢެއްގަައި އެންމެ ފުރަތަމަ ވެސް އެބައިމީހުން ކުރާނެ ކަމަކީ، މައިންބަފައިންނަށް ދީނުގައި ދެއްވާފައިވާ ހުރިހާ ބާރެއް ނިގުޅައިގަތުމެވެ. އެބައިމީހުން ދެކޭ ގޮތުގައި، ދަރީންނަށް އިސްލާމީ އަޚްލާޤާއި ސުލޫކިއްޔާތަށް މަގު ދައްކައި އެ ކަންކަމަށް ބާރު އެޅުމަކީ މައިންބަފައިން ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އެ ކުދީންގެ ފަރުދީ މިނިވަންކަމަށް އަރައިގަތުމެވެ.

މިއީ ދަރީންގެ ވާހަކައެވެ. ފިރިމީހާއާއި އަނބިމީހާގެ ގުޅުމުގެ ތެރެއަށް ވެސް ޢަލްމާނީ ފިކުރުން ވަދެ، އެ ގުޅުން ފަސާދަ ކުރެއެވެ. އިސްލާމްދީނުގައި ވަނީ، ޤިވާމަތާއި، ޚަރަދުބަރަދު ދިނުމާއި، ވަލީ ފަދަ ގިނަ ކަންކަން ފިރިހެނާއާ ހަވާލުކުރައްވާފައެވެ. މި ކަންކަން އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވަނީ ވަށާ ޖެހޭ ގޮތަކަށް ވަރަށް ގިނަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެންނެވެ.

އިސްލާމީ ޝަރީޢަތަކީ ފުރިހަމަ ނިޒާމެކެވެ. ކަމެއް ކަނޑައެޅިފައި ވާ ނަމަ، އެ ކަމަކާ ދުރުންނާއި ކައިރިން ގުޅޭ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. ނަމަވެސް، ޢަލްމާނީން ގޮވާލަމުން ދަނީ، އިސްލާމްދީނުގައި މި އޮތް ޤިވާމަތާއި، ވަރިކައިވެނި، ވަލީ، ވާރުތަ މުދާ، ޚަރަދުބަރަދު ދިނުމާއި، ދަރި ލެއްވުން ފަދަ ހުރިހާ ކަމެއް ޢަލްމާނީ ފަލްސަފާގެ މައްޗަށް ތަފްސީރު ކުރުމަށެވެ. އިސްލާމްދީނުގައި މި ވާ ޢާއިލީ ނިޒާމު އެއް ކޮށް ފޮހެލުމަށެވެ. ނަތީޖާއަކީ އިންސާނީ މުޖުތަމަޢު ވަޙްޝިއްޔަތުގެ ޝިކާރަޔަކަށް ވެ، އަޚްލާޤީ ގޮތުން ހަޑިމުޑުދާރު ހުރިހާ ކަމެއް އެއީ ރީތި ކަންކަމުގެ ގޮތުގައި މުޖުތަމަޢުން ބަލައިގަތުމެވެ.

މިއީ މިއަދު އަޅުގަނޑުމެން އެންމެން ވިސްނަން ޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް މި ފަދަ ގޮވެލިތައް ގޮވަމުން ދާ މީހުން ގިނަވަމުން އެބަ ދެއެވެ. އަދި އެބައިމީހުން ބޭނުން ވާ ގޮތަަށް ޤާނޫނު ޤަވާޢިދުތައް ޢަލްމާނީ ކުރެވެމުން އެބަ ދެއެވެ. މި ކަންކަމާ ދެކޮޅު ހަދައި، އިސްލާމީ ކުޑަކުޑަ މި މުޖުތަމަޢުގެ އިސްލާމީވަންތަކަން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

ނޯޓް: މިއީ ޝައިހް ޝަފީއު އަބްދުﷲ ގެ ލިޔުމެކެވެ.