Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަލިފުށި ޓިވެޓް ސެންޓަރު އެޅުމަށް ބިން ހަވާލު ކޮށްފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ކޮންޓްރެކްޓަރާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ ސައިޓް، މި މިސައްކަތް ކޮންޓްރެކްޓްކުރެވިފައިވާ ފަރާތް ކަމުގައިވާ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކުރެވިފައިވަނީ މިއަދުއެވެ.

އެކަމާ ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، މިކަމަށްޓަކައި މިނިސްޓްރީގެ ޕްރޮޖެކްޓް ޓީމާއި ކޮންޓްރެކްޓަރގެ ޕްރޮޖެކްޓް ސްޓާފުން އަދި ރަށު ކައުންސިލްގެ މެމްބަރުން ހިމެނޭހެން 'ސައިޓް ހޭންޑް-އޯވަރ މީޓިންގ' އެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ބާއްވާފައިވާކަމަށެވެ.

މި ޓިވެޓް ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސް ބިމާ، އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި 3 ބުރިއަށް ވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރ ޚާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓްސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.
މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވަނީ 365 ދުވަހުގެ ތެރޭގައި ކަމަށެވެ.