Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

މެދު ރާއްޖޭގެ މުހިއްމު މާހައުލުތައް ދިރާސާ ކުރުމަށް ސޮއިކޮށްފި

މެދުރާއްޖެ ތެރޭގައި ހިމާޔަތްކޮށްފައިވާ އަދި މުސްތަޤްބަލުގައި ހިމާޔަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ދިރާސާ ކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާއި އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ ބިކޯކާއާއި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއި ކުރީ މިހާރު ޕޯޗްޖަލްގެ ލިސްބަންގައި ކުރިއަށްދާ ޔޫއެއް އޯޝަންސް ކޮންފަރެންސްގެ ހަވާސާގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ޔުނިވާސިޓީ އޮފް ބިކޯކާގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޖިއޮވާނާ އިންނާންޓިއޯނީއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ މި ފަހުމުނާމާގެ މަޤްސަދަކީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި، އިތުރަށް ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ އިކޮލޮޖިކަލް ރިޕޯޓް އަދި ސޯޝިއޯ-އިކޮނޮމިކް އެސެސްމެންޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ދެފަރާތުން ގުޅިގެން ކުރުމެވެ.

އިޓަލީގެ ބިކޯކާ ޔުނިވަރސިޓީގެ މެރިން ރިސާރޗް އެންޑް ހައި އެޑިއުކޭޝަން ސެންޓަރ އަކީ 2018 އިން ފެށިގެން ފ.މަގޫދޫގައި ކެންޕަސްއެއް ބިނާކޮށްގެން ރާއްޖޭގެ ފަރުތަކާއި ގުޅޭ އެކި ދިރާސާތައް ކުރަމުންއަންނަ ޔުނިވާސިޓީ އެކެވެ.

މި ފަހުމުނާމާގެ ދަށުން ކުރެވޭ ދިރާސާތަކުގެ ނަތީޖާ ބޭނުންކުރާނީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ޖަޒީރާ ދިރިއުޅުމުގެ ދަށުން، ތިމާވެށީގެ ސެކްޓަރގައި ކޮންމެ އަތޮޅަކުން މަދުވެގެން %10 ފަރުގެ ސަރަޙައްދާއި، %20 ކުޅިފާ ޗަސްބިން ހިމާޔަތްކުރުމާއި، ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، މ. ފ. ދ. އަދި ތ އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ޤާއިމްކުރުމަށާއި މެނޭޖްކުރުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެ