Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޔޫއެން އޯޝަން ކޮންފަރެންސްގައި ރާއްޖޭން ބައިވެރިވެއްޖެ

މިނިސްޓަރު އާމިނަތް ޝައުނާ-

ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަން ކޮންފަރެންސް ކުރިއަށް ގެންދަނީ ސާސްކަފް ލަނޑުދަނޑިތަކުގެ 14 ވަނަ ލަނޑުދަނޑިކަމަށްވާ، ފެނުއަޑީގެ ދިރުންތަކާ ގުޅުވާފައެވެ.

"ސްކޭލިން އަޕް ދަ އޯޝަން އެކްޝަން ބޭސްޑް ސައިންސް އެންޑް އިނޮވޭޝަން ފޯދަ އިމްޕްލިމެންޓޭޝަން އޮފް ގޯލް 14: ސްޓޮކްޓޭކިން، ޕަރޓްނަރޝިޕްސް އެންޑް ސޮލިއުޝަންސް" މިޝިއާރުގެ ދަށުން ބޭއްވޭ މިކޮންފަރެންސްގެ އެކި ސެޝަންތަކުގައި އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތް ޝައުނާ ވަނީ ބައިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

މި ކޮންފަރެންސްގެ އާއްމު ބަހުސްގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކަނޑާއި، ކަނޑުގެ ދިރުންތަކާއި ގުޅިފައިވާ ބައެއްކަމާއި، ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށްކަމުން މިކަނޑުތައް ހިމާޔަތްކުރުން ގުޅިފައިވަނީ ދިވެހިންގެ ދިރިއުޅުމާކަން ބަޔާންކޮށްދެއްވިއެވެ.

ދިވެހިރާއްޖޭގައި ކުރެވެމުން އަންނަނީ ތިމާއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަމަށްވުމުން ގަވާއިދާ ޚިލާފަށް، ރިޕޯޓް ނުކުރެވޭ އަދި ނުބެލެހެއްޓޭގޮތަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ގޮތުން އެހީތައް ބޭނުންވާނެކަން މިނިސްޓަރ ޝައުނާ ހާމަކުރައްވާފައިވާ ކަމަށް އެމިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ 13 ބާވަތެއްގެ ޕްލާސްޓިކް ތަކެތި، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަން ފާހަގަކުރައްވަމުން 2030 ވަނަ އަހަރު އަންނައިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މުޅިން ހުއްޓުމަކަށްގެނައުމުގެ އަމާޒުގައި މަސައްކަތްކުރަމުން އަންނަކަންވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

މި ކޮންފަރެންސްގައި، ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުތައް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން އަދި ކަނޑުފަޅު ތަޣައްޔަރުވުމާއި ގުޅޭގޮތުން ބޭއްވުނު އިންޓަރެކްޓިވް ޑައިލޮގުގައި، މިނިސްޓަރ ޝައުނާ ވާހަކަފުޅު ދައްކަވާފައިވެސްވެއެވެ.