Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އަސާސީ އެތައް ހައްޤެއް ނިގުޅައިގަނެފި: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޫސްވެރިންނާ ރައްޔިތުންގެ އަސާސީ އެތައް ހައްޤެއް ނިގުޅައިގަނެފި ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލާ މެދު ނޫސްވެރިންނާއި ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެއިން ކަމަކަށް ރިއާޔަތްނުކޮށް އެ ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ޝިޔާމް ކުރެއްވި ޓްވީޓްގައި ތުހުމަތު ކުރެއްވި ގޮތުގައި އެކަން އެގޮތަށް ކޮށްފައިވަނީ "އިންޑިޔާގެ އޯޑަރަށެވެ." އަދި ޝިޔާމް ވިދާޅުވެފައިވަނީ މިީގެ ނާޖާއިޒުފައިދާ ސަރުކާރުން ނަގާ ރައްޔިތުން ޖަލަށްލާނެ ކަމަށެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެއެވެ.

މިކަމާ ގުޅިގެން މިއަދު މަޖިލިސް ކުރިމަތީގައި ނޫސްވެރިން ވަނި އިހުތިޖާޖުވެސް ކޮށްފައެވެ.