Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކޮއް ކޮއަށް ހައްގު އަދަބު ނުދޭން ނުބުނަން: ނަޝީދު

ކޮއްކޮ ނަމަވެސް ނާޒިމް ސައްތާރަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭން ނުދަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު އެކަމާ ގުޅޭގޮތުން "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުންގެ މީހަކު ވަނީ ސުވާލު ކޮށްފައެވެ. އެގޮތުން ނާޒިމް ސައްތާރަށް ލިބެން ޖެހޭ ހައްގު އަދަބު ނުދެވެނީ ރައީސް ނަޝީދުގެ ކޮއްކޮއަށް ވީމަތޯ ސުވާލުކޮށްފައިވެއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައިސް ނަޝީދު ވިދާޅުވީ ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭކަށް ނުދަންނަވާނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭކަށް އަޅުގަނޑު ދުވަހަކު ވެސް ނުދަންނަވާނަން. އަދި އެއްވެސް މީހަކަށް ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ކަމެއް ހިނގާއިރަށް އޭގެ ދެކޮޅެއް ނުބަލައި ވާއެއް ނުވާއެއް ނޭނގި އަމަލުކުރަން ފެށުމަކީ، އިސްލާމީ ޝަރީއަތުގައި ވެސް އަދި ރާއްޖޭގެ ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން ކަމަށެވެ.

"ގާނޫނުގައިވާ ގޮތުގެ މަތިން ކަންކަން ކުރަމުން އަޅުގަނޑުމެން ގެންދިޔައިމަ ރަނގަޅުވާނެ." ނަޝީދު ވިދާޅުވި އެވެ.

ނާޒިމް ސައްތާރް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު އެ މައްސަލައިގައި ނާޒިމް ސައްތާރް ފުލުހަށްވެސް ހާޒިރު ކޮށްފައިވެއެވެ. އަދި މީގެ އިތުރުންވެސް އިތުރު ބައެެއްގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވިއެވެ.