Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަޖިލީހުގެ ކޮންޓްރޯލް ހޯދާކަށް ނޫޅެން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ "ކޮންޓްރޯލް" ހޯދަން ނޫޅުއްވާ ކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ކުރިއަށްގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމު ފަރާތަކުން ވަނީ، ރައީސް ނަޝީދަށް އެމްޑީޕީގެ އަދި މަޖިލީހުގެ ކޮންޓްރޯލްވެސް ގެއްލިފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ތެރެއިން އިތުރު ފުރުސަތެއް ލިބިދާނެ ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް އިރެއްގައި ސިޔާސީ ކަންކަމުގައި "ކޮންޓްރޯލް" މި ބަސް ބޭނުން ނުކުރާ ކަމަށެވެ. އަދި ކޮންޓްރޯލް ކުރަންވެސް ނޫޅުއްވާ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑަށް ކުރަން އިނގޭކަމެއްވެސް ނޫން އެވިދާޅުވާ ބާވަތުގެ ކޮންޓްރޯލް ކުރުންއެއީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަކީ ވަކި ބޭފުޅެއްގެ މެމްބަރުން ނޫން ކަމަށެވެ. ތަފާތު ސިޔާސަތުތައް އަދި ކަންކަމުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ އެކި މެމްބަރުން ތަފާތު ވިސްނުން ގެންގުޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވާާނީ ބަރުލަމާނީ ނިޒާމަކަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ހޯއްދަވަން ނޫޅުއްވާ ކަމަށެވެ. އަދި އެކަން ކުރައްވަން އުޅުއްވުމަކީވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެބާވަތުގެ ވާހަކައެއް ދެއްކެވުމަކީ ސިޔާސީ ގޮތުންވެސް "ހުތުރު" ކަމެއްކަމަށް ވިދާޅުވިއެވެ.