Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ފާހިޝް ކަންކަމުން މުޖުތަމައު ސަލާމަތްކުރަން ޖެހޭ: ހުތުބާ

އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް ކަންކަމުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"ފާހިޝު އަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫއުގެ ދަށުން މި ހަފްތާގެ ހުކުރު ހުތުބާ ގެނެސްފައިވާއިރު ހުތުބާގައި ބުނެފައިވަނީ، އިންސާނަކަށް ވީތީ، އޭނާގެ ކިބައިގާ ލައްވާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ޖިންސީ ޣަރިޒާ ހިމެނޭ ކަމަށާއި، އެކަމަށް އިޖާބަދޭނެ މިންގަނޑަކީ ޝަރުއީ ކައިވެނި ކަމަށެވެ. އަދި މިއީ ސައްހަ ރައްކާތެރި ގޮތުގައި، ޖިންސީ ޣަރީޒާ ހާސިލު ކުރުމަށް ހަމަޖައްސަވާފައިވާ މަގު ކަމަށެވެ.

ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކާ ގާތް ނުވުމަށް މާތްﷲ އަންގަވާފައިވަނީ، އެކަންކަމުގެ ނުބައިކަމާއި، އޭގެ ސަބަބުން ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ބޮޑު ކަމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އިންސާނީ ފިތުރަތާ ހިލާފު ފާހިޝް އަމަލެއް ކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލު ކޮށްއުޅުނު މީހުންގެ މައްޗަށް ކޯފާ އާއި އަޛާބު ފޮނުއްވައި ހަލާކު ކުރެއްވި ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބުނެފައިވަނީ އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށެވެ. އަދި އެފަދަ ބަލިތައް ފެތުރެނީ އެއްޖިންސުން ގުޅުން ހިންގުމާއި، ޒިނޭ ކުރުމާއި، އެކިއެކި ނަހަމަ ޖިންސީ އަމަލުތަކުގެ ތެރެއަށް މީސްތަކުން ގެނބިގެން ދިއުމުގެ ސަބަބުންނެވެ.

ޒުވާނުންގެ މެދުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އާދަ ފެތުރެމުންދާ ވާހަކައަކީ ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، މިފަދަ ހަޑި މުޑުދާރުކަންކަން މުޖުތަމައުގައި ވަކި ހިއްޕަމުންދާ ވާހަކަތަކަކީ ވަރަށް ހިތާމަވެރި ވާހަކަ ތަކެއް ކަމަށެވެ.

"މި ނުރައްކާތެރި ވަބާއިން ޒުވާނުންނާއި، މުޅި މުޖުތަމައު ސަލާމަތް ކުރުމަކީ، މައިންބަފައިންނާއި، މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ސަރުކާރާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން، ޒުވާނުންނާއި، މުޖުތަމައު، މި ނުރައްކާތެރި ވަބާއިން ސަލާމަތް ކުރުމަށް، އާ ހިތްވަރެއް ލާން ޖެހެއެވެ. ރަނގަޅު ގޮތް ވިސްނައިދީ ހެޔޮމަގަށް އެޅުވުމަށްޓަކާ ގިނަގުނަ މަސައްކަތް ކުރަންޖެހެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ހުތުބާގައި ބުނެފައިވަނީ ރާއްޖޭގައި ދެ ޖިންސުގެ މީހުން ހިމެނޭގޮތަށް އެކި ނަންނަމުގައި ހަށި ވިއްކުމުގެ ހަރާމް ވިޔަފާރި ހިންގާ ބަޔަކު އުޅޭކަމީ ހިތާމަވެރި ކަމެއް ކަމަށެވެ. އަދި މީގެ ތެރޭގައި ކުޑަ ކުދިން ބައިވެރިކޮށް އެކުދިންނަށް ޖިންސީ ގޯނާ ކުރާކަންވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި ވަނީ އިސްވެދިޔަ އުއްމަތްތަކުގައި މިފަދަ ފާހިޝް އަމަލުތައް އާއްމުވުމުން މާތްﷲ ގެ ކޯފާއާއި، އަޛާބު އައި ގޮތާމެދު ވިސްނައި ފާހިޝް އަމަލުތަކާ ދުރުހެލިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބެނިވި މަގަށް، ދިރިއުޅުން ބައްޓަން ކުރުމަށް ނަސޭހަތްތެރިވެފައެވެ.