Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އުދަ އަރައި އެފްކޯންސް އިން ހަދާ ބްރިޖަށް ގެއްލުންވެއްޖެ

ހަންކެޑެ ސަރަހައްދުގައި އެފްކޮންސްއިން ހަދަމުން އަންނަ ބްރިޖަށް އުދަ އަރައި ގެއްލުންވެއްޖެއެވެ.

ހަންކެޑެ ހިމެނޭ ސަރަޙައްދުގައި ހަދަމުންދާ ބްރިޖުގެ މަސައްކަތަށް އަޅާފައިވާ ފަސްގަޑާއި އެތުގައި ބަހައްޓާފައި ހުރި ގިނަ ސާމާންތައް ވަނީ ރާޅާއި އެކު ގޮސްފައެވެ.

މި ސަރަގައްދަށް އުދައަރައި ގެއްލުންވު ވަގުތުވެސް އެސަރަހައްދުގައި އެފްކޯންސް މީހުން ދިޔައީ ބްރިޖުގެ މަސައްކަތް ކުރަމުންނެވެ.

މިއަދުގެ ހެނެދުނުން ފެށިގެން އައްޑޫގެ އެކި ރަށްތަކަށް ދަނީ އުދަ އަރަމުންނެވެ. އަދި މެންދުރު ދިޔަވަރު ބޮޑުވި ވަގުތު ވަނީ ހަންކެޑެ ދަރަހައްދާއި ގައުކެޑި ސަރަހައްދުގެ ލިންކު ރޯޑަށްވެސް އުދަ އަރާފައެވެ.

މީގެ އިތުރުންވެސް ހިތަދޫގައި ހަދާފައިވާ ޕޮލިސް އެކަޑަމީ އާޢި ކުނި ކޮށި ސަރަހައްދުން އެއްގަމަށްވެސް ވަނީ ލޮނުގަނޑު އަރާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައަރާނެ ކަމަށް ލަފާކޮށް ވައިޓު އެލާޓު ނެރެފައެވެ. އަދި މެންދުރު ފަހު ނެރުނު އެލާޓުގައި ވަނީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދަ އަރާފަނެ ކަމަށް ލަފާކޮށްފައެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ހުރިހާ އަވަށްތަކަށް އުދަ އަރަމުންދާ ކަމަށެވެ. އަދި ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށެވެ. އުދަ އަރައި ގެެއްލުންވާ ފަރާތްތަކަށް އެހީތެރިވުމަށް ފުލުހުންނާއި އެމްއެންޑީއެފްއަށް އެދިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ކައުންސިލްގެ ޕަބްލިކް ވޯކްސް ޔުނިޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުދަ އަރައި ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.