Last Updated: April 24, 09:32
Wednesday, April 24, 2024
ޚަބަރު

އުދަ އަރައި ބައެއް ގެތަކަށް ވެސް ގެއްލުންވެއްޖެ

އައްޑޫގެ ބައެއް އަވަށްތަކަށް މިއަދި މެންދުރު ފަހު އުދައަރައި، ބައެއް ގެތަކަށް ވެސް ލޮނު ވަދެ ގެއްލުންތަކެއްވެއްޖެ އެވެ.

މިއަދު މެންދުރު ފަހު 3:00 އެހާކަށްހާ އިރު އެންމެ ބޮޑަށް އުދައެރީ މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ހިތަދޫގެ ފުއްޓަރު ފަރާތަށެވެ. އެގޮތުން އެ އަވަށްތަކުގެ އެ ސަރަހައްދުތަކުގެ މަގުތަކާއި ގޭގެ ގޯތި ތެރޭ އާއި ގޭތެރެ އަށް ވެސް ލޮނު ވަދެފައިވެ އެވެ. ބައެއް ސަރަހައްދުތަކުން ރަށުގެ ތެރެއަށް ލޮނުގަނޑު ވަދެ، ބޮޑު މަގަށް ވެސް ލޮނުގަނޑު ފެތިރުފައިވެ އެވެ. އަދި ބައެއް ސަރަހައްދުތަކުގެ ފިހާރަކަށް ވެސް ލޮނު ވަދެ ގެއްލުންވެފައިވެ އެވެ.

މަރަދޫން ލޮނު ވަން ގެއަކުން ކަރަންޓް ވެސް ކެނޑި، އެ ގޭގެ މީހުންނަަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމުގެ މަސައްކަތް އައްޑޫޫ ސިޓީ ކައުންސިލުން އަންނަނީ ކިރަމުންނެވެ. ކައުންސިލަރުން ގެންދަވަނީ ހަވީރުން ފެށިގެން އެންމެ ބޮޑަށް އުދައިގެ އަސަރުކުރި މަރަދު އާއި މަރަދޫފޭދޫގެ ހާލަތު ބަލަމުންނެވެ.

އެގޮތުން ފުއްޓަރު ފަރާތުން އުދާ އަރާ ދިމާތަކަށް ވެލި އެޅުމާއި އެ ސަރަހައްދުތަކުގެ ގޭގެއަށް ލޮނު ނުވަންނާގެ ގޮތަށް އައްޑޫ ޕަބްލިކް ވޯކްސް އާއި އާންމުން ގުޅިގެން އަންނަނީ ކުރަމުންނެވެ. އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ކައުންސިލުން ބަލަމުން އަންނަ އިރު، މިއީ މި ފަހުން އައްޑު އަށް އެންމެ ބޮޑަށް އުދަ އެރި ފަހަރު ވެސް މެ އެވެ.

އައްޑޫ މަޭޔަރު އަލީ ނިޒާރު ވިދާޅުވީ އުދައިގެ ސަބަބުން އިތުރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކަން ހޯދުމުގެ ގޮތުން މިހާރު ކައުންސިލްގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށްގެން އުދައަރާ ދިމާކޮށް ވެލި އެޅުމާއި ސަރަހައްދުތަކުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު އުރައަރާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއިން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެއީ މެންދުރު ފަހު 3:00 އިން ހަވީރު 6:00 އާ ހަމައަށެވެ.