Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އައްޑު އަށް އުދައެރުން؛ ސުނާމީގެ ހަނދާންތަކެއް

މިއަދު އައްޑު އަަށް އެރި އުދައިގައި މަރަދޫން ގެއްލުންވި ފަރާތްތަކުން އަވަށު އޮފީހާ ހިއްސާކޮށްދޭން އެދިއްޖެ އެވެ.

އެ އޮފީހުން މިރޭ ނެރުނު ނޯޓިހެއްގައި ގައި ބުނީ ލިބުނު ގެއްލުންތަކުހެ މައުލޫމާތު އޮފީހުގެ 7360024 އާ ގުޅައި ހިއްސާކުރަން އެދޭ ކަމަށެވެ. މިއަދު މެންދުރު ފަހު 3:00 އެހާކަށްހާ އިރު އަރަން ފެށި އުދައިގައި އައްޑޫން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ މަރަދުއަށެވެ. އެގޮތުން އެ އަވަށުގެ މޫދާ ކައިރީ ފުއްޓަރު ފަރާތުގައި ހުރި ގިނަ ގެތަކާއި ބައެއް ފިހާރަތަކަށް ވެސް ލޮނު ވަދެ، އެކި ވަރުގެ ގެއްލުންތައް ވެފައިވެ އެވެ.

މަރަދޫގެ 50 ގެއަކަށް ލޮނު ވަދެ، އޭގެ ތެރެއިން ދެ ގެއަކުން މީހުން ބަދަލުކޮށްފައިވެ އެވެ. މަރަދޫފޭދޫ ގައި ވެސް 30 ގެއަކަށް ލޮނު ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މަރަދޫގެ އިތުރުން މަރަދޫފޭދު އާއި ހިތަދޫގެ ފުއްޓަރު ފަރާތަށް ވެސް އުދަ އަރައި އެކި ވަރުގެ ގެއްލުންތައްވެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހަވީރު ވަނީ އުދައެރި އަވަށްތަކަށް ޒިޔާރަތްކޮށް، ހާލަތު ބަލައިފަ އެވެ. އެގޮތުން އުދައެރި ދިމާތަކަށް ވެލި އެޅުމާއި އުރަ އެރި ސަރަހައްދުގައި ހުރި ގެތަކަށް ލޮނުގަނޑު ނުވަންނާހެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައިވެ އެވެ. މިކަމުގައި އައްޑޫ ޕަބްލިކް ވޯކްސް އާއި ފުލުހުންނާއި ސިފައިންގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވެފައިވެ އެވެ.

މިއަދު އެރި އުދަ އަކީ މި ފަހުން މިހާ ބޮޑަށް އުދައެރި ފުރަތަމަ ފަހަރެވެ. ބައެއް މީހުން ސިފަކުރި ގޮތުގައި މިއަދަކީ ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް އެރި ސުނާމީގެ ހަނދާންތައް އާކޮށްދިން ދުވަހެކެވެ.

މަރަދި އާއި މަރަދޫފޭދޫ ބައެއް ދިމާތަކަށް އުދަ އެދި މަންޒަރު ފެންނަ ވީޑިއޯ ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ޕޯސްޓްކޮށްފައިވާ އިރު، އެ ވީޑިއޯތަކުން ވެސް އާކޮށް ދެނީ ސުނާމީގެ ހަނދާންތަކެވެ.