Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ރައީސަށް ދެވަނަ ދަައުރެއް ދޭން ޖެހޭ: ރޮޒޭ

މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަކީ ދިވެހި ރައްޔިތުންނާއި އެމްޑީޕީ އަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެސްއެމުން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ސޯލިހާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނގަޅު ހެޔޮލަފާ ވެރިއަކު ލިބުމުން އެ ބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ފެހި ގާނޫނުއަސާސީން އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ސޯލިހު. ހަމަޖެހުމަށް ލޯބިކުރާ ވެރިއެއް [ގައުމަށް] ބޭނުމީ." އޭނާ ވިދާޅުވި އެވެ.

ރޮޒޭ އަކީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އަދި ރައީސަށް ވަރަށް ތައުރީފުކުރައްވާ ބޭފުޅެކެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުން ގައުމަށް ކުރިމަތިވި ދަތި ހާލަތުން އަވަހަށް އަރައިގަނެ، އިގުތިސާދު ކޮޅަށް ޖެހުނީ ރައީސްގެ ވަރުގަދަ ސިޔާސަތުގެ ސަބަބުން ކަމަށް ރޮޒޭ ވަރަށް ގިނައިން މިހާރު ވިދާޅުވެ އެވެ.

"އާސްކް ސްޕީކާ" ގައި ނަޝީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރަން އެންމެ ރަނގަޅީ ފޮރިން މިނިސްޓަރު އަބްދު ޝާހިދު ކަމަށާއި ރައީސް ސޯލިހަކީ ރަނގަޅު ކެންޑިޑޭޓަކަށް ނުވާނެ ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވެފައި ވަނީ އެ ޕާޓީގެ ފަރާތުން އެ މަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެންފި ނަމަ އެމްޑީޕީ އަށް އިންތިހާބު ފަސޭހަކަމާ އެކީ ކާމިޔާބުކުރެވޭނެ ކަމަށެވެ.