Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ގިނަ ދުވަސްތަކެއް ފަހުން ޔާމީންގެ ޓްވީޓެއް

ޓްވީޓެއް ނުކުރައްވާތާ ގިނަ ދުވަސްތަކެއް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ޓްވީޓެއް ކުރައްވައި ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާންމު އުސޫލުން އިނގިރޭސި ބަހުން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ދަމަހައްޓަމުން އައި އަހުލާގީ އުސޫލުތައް ފުނޑުފުނޑުވަމުންދާ ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ޑިމޮކްރެޓިކް ނިޒާމުގެ އުސޫލުތައް ވެސް ރޭވިގެން ހިންގާ އަމަލުތަކުގެ ސަބަބުން މުގުރަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އުސޫލުތައް މިހާރު ހަމައިން ބޭރުވަމުން ދަނީ އަވައްޓެރި ގައުމެއްގެ އަވާގައި ޖެހިގެންނެވެ. ޔާމީން އެ އިޝާރާތްކުރެއްވި އެ ގައުމަކީ އެ ގައުމަކާ ދެކޮޅަށް އެ މަނިކުފާނު ވެސް ކެމްޕޭނެއް ހިންގާ އިންޑިއާ އެވެ. ރާއްޖޭން އިންޑިއާގެ ސިފައިން ފޮނުވައިލަން ގޮވާލައި ޕީޕީއެމާއި ޕީއެންސީން އަންނަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.

ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ޔާމީން މިއަދު ޓްވީޓެއް ކުރައްވާފައި މި ވަނީ ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ ފާހިޝް އަމަލުތަކެއްގެ ވާހަކަ ވެސް ވަރަށް ބޮޑަށް ފެންމަތިވެފައި ވަނިކޮށެވެ. އަދި މިކަން ބޮޑަށް ގުޅެނީ ވެސް ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާ އެވެ.

މެއި މަހުގެ 4 ގައި ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވި ޔާމީން މިއަދު ޓްވީޓެއް ކުރެއްވުމުގެ ކުރިން އެންމެ ފަހުން ޓްވީޓެއްކުރެއްވީ މިދިޔަ މަހުގެ 9 ގަ އެވެ.