Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު މޫސުން

އުދައާ ގުޅިގެން ހަ އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި

ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމުގެ ސަބަބުން 6 އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި، އުދައެރުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހިއްސާ ކޮށްފައިވާއިރު، އެ އިދާރާއިން ބުނެފައިވަނީ އިއްޔެއާއި މިއަދު 11 އަތޮޅެއްގެ 34 ރަށަށް އުދައެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

މިހާތަނަަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާކަމަށާއި، ގެއްލުންތައް ދެނެގަތުމުގެ މަސަައްކަތް ކައުންސިލްތަކުން ކުރިއަށް ގެންދަމުން އަންނަކަމަށެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ އުދައިގެ ސަބަބުން މިވަގުތު 3 ރަށަކުން 6 އާއިލާއެއް ތިބީ ކައުންސިލް އިދާރާގެ ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި ކަމަށެވެ.

އެ އިދާރާއިން ބުނެފައިވަނީ އައްޑޫސިޓީގެ މަރަދޫއަށް އުދައަރައި 50 ގެއަކަށް ގެއްލުންވެ، އެއް އާއިލާއެއް ކައުންސިލްގެ ވަގުތީ ބޯހިޔާވަހިކަމުގައި ތިބިކަމަށެވެ. އަދި އައްޑޫސިޓީ މަރަދޫފޭދޫގެ 30 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، ހިތަދޫއަށް އުދައިގައި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން ތ. ތިމަރަފުއްޓަށް އުދައަރައި އެއް އާއިލާއެއް ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި، ގދ. މަޑަވެއްޔަށް އުދައަރުމުގެ ސަބަބުން 4 އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި ތިބި ކަމަށެވެ.