Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މިއީ އެއްބައިވަންތަކަމާއެކީ މަސައްކަތް ކުރަންވީ ވަގުތު

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމް- ފޮޓޯ: ޖޭޕީ

ރާއްޖޭގެ ގިނަ ރަށްރަށަަށް އުދައަރަމުންދާ މި ވަގުތަކީ ހުރިހާ ފަރާތްތަކަކުންވެސް އެއްބައިވަންތަ ކަމާއެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށް ޖުމްހުރީ ޕާޓީން ބުނެފިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރަމުންދާތީ ޖޭޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ ރާއްޖޭގެ ގިނަ ރަށްތަކަކަށް އިއްޔެއިން ފެށިގެން އުދައަރަމުން ދިއުމުގެ ސަބަބުން ރަށްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުމާއި، ގޯތިގެދޮރަށާއި ދަނޑުބިންތަކާއި މުދަލަށް ލިބެމުންދާ ގެއްލުންތަކާއި، އުދައެރި ވަގުތު ފެންފުށިން ޒުވާނަކު ނިޔާވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ބައިވެރިވާ ކަމަށެވެ.

ޖޭޕީން ބުނެފައިވަނީ މިކާރިސާއާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އަވަސްގޮތެއްގައި ކަމާއިބެހޭފަރާތަކަން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށް ޔަގީންކުރާ ކަމަށެވެ. އަދި މިވަގުތަކީ ހުރިހާ ފަރާތަކުންވެސް އެއްބައިވަންތަކަމާއެކު، ގެއްލުން ލިބުނު ފަރާތްތަކުގެ ހާލު އަހުވާލު ބަލައި ކަމާއިބެހޭފަރާތްތަކުން ކުރައްވާމުންގެންދަވާ އެންމެހައި ކަންކަމަށް ހިތްވަރުދީ، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައެވެ.

މިދުވަސްވަރަކީ ސްކޫލް ބަންދުވެ ޗުއްޓީ ދުވަސްވަރުކަން ފާހަގަކޮށް ޖޭޕީން ބުނެފައިވަނީ މިދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން މޫސުމީ އިދާރާތަކާއި ކަމާއި ބެހޭ އެންމެހާ މުވައްސަސާތަކުން އަންގާވާ އެންގެވުންތަކާއި ކުރައްވަވާ އިލްތިމާސްތަކަށް ބޯލެނބުމަށް އިލްތިމާސް ކުރާ ކަމަށެވެ.