އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހީމް މުހައްމަދު ސޯލިހާ އެކީ މަސައްކަތްކުރަން ދަތި ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މިހާރުގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައިސް ސޯލިހު ވާދަކޮށްފި ނަމަ އެ ޕާޓީ އަށް އިންތިހާބު ކާމިޔާބެއް ވެސް ނުކޮށްދެވޭނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރާން އަޅުގަނޑަށް ދަތި." ހަސަން ވިދާޅުވި އެވެ.
އޭނާ މި މޭރުމުން ރައީސަށް ތާއީދެއް ނުކުރައްވާނެކަން ހާމަކުރެއްވި އިރު، ރައީސް ވިދާޅުވެފައި ވަނީ އެމްޑީޕީ އެ މަނިކުފާނު އިންތިހާބަށް ނުކުމެއްޖެ ނަމަ، ޕާޓީ އަށް އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެ ކަމަށެވެ.
ރައީސް އިބްރާހީމް.މ.ސޯލިޙް. ރައީސްގެ ސިޔާސީ ހަޔާތްޕުޅުން ރައީސްއަށް އަޅުގަނޑު ދޫކޮށްނުލެއްވުނަސް, 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރާން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާކުރެވެނީ ރައީސްއަށް އެ އިންތިޚާބު MDP އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް. pic.twitter.com/uR1X4KvaQv
— Hassan Latheef🎈 (@HassanLatheef) July 2, 2022
އެމްޑީޕީގައި މިހާރު "ދެ ފެކްޝަނެއް" އޮތް އިރު ދާދި ފަހުން ބޭއްވި އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި) އަށް ތާއީދުކުރި އެންމެން ކަހަލަ ގޮތަކަށް ތިބީ ރައީސް ސޯލިހާ ދެކޮޅަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެދސް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް އޮތް ރަނގަޅަކީ އިންތިހާބަށް ރައީސް ސޯލިހު ނުކުންނެވުމުގެ ބަދަލުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނުކުންނެވުން ކަމަށެވެ.
އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބުކޮށް ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރި އެންމެން ތިބީ ރައީސް ސޯލިހާ އެކީގަ އެވެ. އެގޮތުން ގިނަ ވަޒީރުންނާއި މަޖިލިސް މެމްބަރުންތަކެއް ވެސް ވަނީ ރައިސާ އެކީ ތިއްބެވިކަން އިއުލާންކޮށްފައިވެ އެވެ.