ރާއްހޭގެ ރުފިޔާގެ ނިޝާން މޯލިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން މިއަދު ތައާރުކޮށްފި އެވެ.
މި ނިޝާނަކީ ޑޮލަރާއި ޕައުންޑާއި ޔޫރޯގެ އއިތުރުން ދުނިޔޭހ އެހެން ހިސާބުތަކުގައި ބޭނުންކުރާ ފައިސާ ރަމްޒުކޮށްދޭ ގޮރފަށް ތައްޔާރުކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ރާއްޖޭގައި ބޭނުންކުރާ ރުފިޔާ ރަމްޒުކޮށްދޭ ނިޝާނެވެ. މި ނިޝާން އިންނަނީ ދިވެހި އަކުރުގައި އެކުލެވޭ "ރ" އަކުރާ ދާދި އެއްކަހަލަ ގޮތަކަށެވެ.
މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ފައިސާގެ ނިޝާން ތައާރުކޮށްދެއްވީ އެންވަޔަރމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
ދިވެހި ރުފިޔާގެ ނިޝާން ބޭނުންކުރާނެ ގޮތުގެ ގައިޑްލައިންhttps://t.co/Cc2Okx3OZv pic.twitter.com/M431MS79lO
— MMA (@MMA_Maldives) July 3, 2022
އާންމުކޮށް ހުޅުވާލައިގެން ހޮވި ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރީ، މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއު އެވެ. މިދިޔަ އަހަރު މިކަމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެ އެވެ. ސުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ދިވެހި ރުފިޔާގެގެ ނިޝާނަށް އާންމުން އަހުލުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ހެދުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން މި ނިޝާން އިންޓަނޭޝަނަލް ފެންވަރެއްގައި ބަލައި ގަންނަ "ޔުނިކޯޑް ސްޓޭޑާޑް" ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ވެސް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕްރިންޓް ކުރާ ފައިސާގައި އާ ނިޝާން ހިމަނާނެ ކަމަށެވެ.
"ނިޝާން ފަރުމާކުރުމުގައި އަޅުގަނޑުމެން ބެލީ އާންމުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ފަދަ ޑިޒައިނެއް ހޯދުމަށް،" ހާޝިމް ވިދާޅުވި އެވެ. "ސުޖާއުގެ ޑިޒައިނުން އެކަންކަން އެބަ ހާސިލުވޭ."