Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ޓެކްސްތައް ބޮޑުކުރަން މަޝްވަރާކުރަނީ

ރާއްޖޭގެ ދަރަނި ވެސް ބޮޑުވަމުން އަންނަ އިރު ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމައި އެކަމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ނަގާ އަގު ބޮޑުކުރުމާ ގުޅޭ ގޮތުން މިހާރު ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ދަނީ މިޑްޓާމް ފިސްކަލް ސްޓްރެޓަޖީ އެކުލަވާލުމަށް ކަމަށާއި
ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެ ބަދަލުތައް ގެންނަނީ ކޮން އިރަކު ކަމެއް އަދި ނުނިންމާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިކަމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ ކަމާ ގުޅުން ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށްފައިވެ އެވެ.

ރާއްޖޭގައި ޓެކްހުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މުދަލާއި ހިދުމަތްތަކުގެ އަގުން 2011 އިން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 3.5 ޕަސެންޓެވެ. އެކަމަކު 2012 ގައި ހަ ޕަސެންޓަށް ޓީޖީއެސްޓީ ބޮޑު ކުރި އެވެ. އެންމެ ފަހުން ޓީޖީއެސްޓީ އަށް ބަދަލު ގެނައީ 2014 ގަ އެވެ. އެ އަހަރު ޓީޖީއެސްޓީން 12 ޕަސެންޓް ނަގަން ނިންމި އެވެ.