ދ. ހުޅުދެއްޔާއި ރ. ކިނޮޅަހުގެ ބަނދަރު މަސައްކަތް ބާރަށް ކުރިއަށް ދަމުން އަންނަކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ދ. ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 252 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1645 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 45.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެއިތުރުން ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 46 ޕަސެންޓާއި، މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 39 ޕަސެންޓާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.