Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ސްޓެލްކޯގެ ހިދުމަތުގެ ފެންވަރު މަތިކުރަން ޖެހޭ: ޝަރީފް

އަހުމަދު ޝަރީފް- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ދެމުން އަންނަ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރަން ޖެހޭކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ ސްޓެލްކޯއާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުން އިތުބާރު ކުރާ ފަދަ ކުންފުންޏަކަށް ހެދުމަށްޓަކައި، އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މިއަދު ފެށި ކަސްޓަމަރ ސާވިސް އެކްސެލެންސް ޓްރެއިނިންގ ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު ހިދުމަތް ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް ހިދުމަތުގެ ފެންވަރު މަތިކުރަން ޖެހިފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ކަރަންޓް މިނެޓަކަށް ކެނޑުނު ނަމަވެސް އަދި ބިލު ބޮޑުވެފައިވިނަމަވެސް ސްޓެލްކޯއަކީ ހިންގުންތެރި ތަނަކަށް ނުވާ ކަމަށް ހިދުމަތް ލިބިގަންނަ މީހާ ދެކޭކަމަށެވެ. އަދި މިގޮތަށް ކަންވެގެންދާ ކޮންމެ ފަހަރަކީ ސްޓެލްކޯގެ މެނޭޖްމެންޓާއި ސްޓާފުންނަށް ނޭދެވޭ އެތައްބަސްތަކެއް ރައްދު ވެގެންދާ ފަހަރެއް ކަމަށެވެ.

މިގޮތަށް މެދުވެރިވާ ކަންކަން ބަދަލުކުރާނެ ގޮތަކާމެދު ވިސްނަން ޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެކަން ބަދަލުކުރުމަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން އެ ވިސްނުން ބަދަލުކުރުމުގެ ހެޔޮ ނިޔަތް އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން އެކަން ކުރުމަށް ތައްޔާރަށް ހުންނެވިކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ އަބަދުވެސް ރައްޔިތުންގެ ކުރިމަތީގައި ސްޓެލްކޯ އޮންނަނީ ބަދުނާމުވެފައި ކަމަށާއި، އެކަން ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.