Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ފިރިހެނުންތަކަކާ ބެހުނު އެމްޕީގެ އިތުރު މައްސަލަތަކެއް

މަސްތުގެ ހާލަތުގައި ފިރިހެނުންތަކަކަށް ޖިންސޯ ގޯނާކުރި މައްސަލައެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވުމުން މިދިޔަ ހަފުތާގެ ތެރޭގައި ކޮންޒަވޭޓިވް ޕާޓީގެ ޑެޕިއުޓީ ޗީފް ވިޕްގެ މަގާމުން އިސްތިއުދާ ދެއްވި މެމްބަރު ކްރިސް ޕިންޗާއާ ގުޅޭ އިތުރު މައްސަަލަތަކެއް ފެންމަތިވެއްޖެ އެވެ.

ވެރިކަންކުރާ ޕާޓީގެ ޑެޕިއުޓީ ޗީފް ވިޕްގެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް ޕިންޗާ ވިދާޅުވެފައ ވަނީ މެމްބަރުކަމުން އިސްތިއުފާ ދެއްވަން ގަސްތުނުކުރައްވާ ކަމަށެވެ. އަދި އޭނަގެ ފަރާތުން ދެ ފިރިހެނަކަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު މައްސަލާގައި މައާފަށް އެދިވަޑައިގެންފައިވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕިންޗާ ބެހުނު ދެ މީހުންގެ ތެރެއިން އެކަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެލެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް އޭނަގެ މައްޗަށް ފިރިހެނުންނާ ބެހުމުގެ އިތުރު މައްސަލަތަކެއް މިހާރު ތިލަވެފައިވާ ކަމަށްވާ މެއިލް އޮން ސަންޑޭ އާއި ސަންޑޭ ޓައިމްސް ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން މީގެ 10 ވަރަކަށް އަހަރު ކުރިން ޕިންޗާ މެމްބަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އެފަދަ އަމަލުތައް ހިންގާފައި ވަނީ ޕާލިމަންޓް ބާގެ އިތުރުން ޕާލިމަންޓްގައި ހުންނަ ޕިންޗާގެ އަމިއްލަ އޮފީހުގައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މިފަދަ ތުހުމަތުތަކެއް އޭނަގެ މައްޗަށް ކުރެވުނު ނަމަވެސް އެކަމާ ބެހޭ ގޮތުން ޕިންޗާ އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ބީބީސީން ބުނީ މިކަމާ ގުޅިގެން އޭނަގެ ބަހެއް ހޯދަން މިހާތަނަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައި ނުވާ ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޕިންޗާ، 52، މިދިޔަ ބުރާސްފަތި ދުވަހު ޑެޕިއުޓީ ޗީފް ވިޕްގެ މަގާމުން އިސްތިއުފާ ދެއްވީ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުން ތަންސީލުކުރާ، ކާލްޓަން ކުލަބްގެ ތެރޭގައި ދެ ފިރިހެނަކާ ބެހުނު މައްސަލަ ހޫނުވުމުންނެވެ.

މި މައްސަލަ މިހާރު ކޮންޒަވޭޓިވް ޕާޓީން އަންނަނީ ސީރިއަސްކޮށް ބަލަމުންނެވެ.