Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހެއްކާބެހޭ ބިލު އިސްލާހުކުރަން ފޮނުވަން ގޮވާލައިފި

ހެއްކާބެހޭ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެޑިޓާޒް ގިލްޑުން ގޮވާލައިފިއެވެ.

އެމްޖޭއޭއާއި އެޑިޓާޒް ގިލްޑުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހެއްކާ ބެހޭ ބިލުގެ 136 ވަނަ މައްދާ އޮތްގޮތާ މެދު ކަންބޮޑުވާކަމަށެވެ. އަދި އެ މާއްދާ މިހާރު އޮތްގޮތް އިސްލާހުކޮށް މަސްދަރު ހާމަކުރެވޭނެ ހާލަތްތައް މިހާރަށްވުރެއް ބޮޑަށް ހަރުކަށިކޮށްފައި ނޫނީ އެ ބިލު ތަސްދީގު ނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ އެ މާއްދާ މިހާރު އޮތީ ފުޅާކޮށް މާނަކޮށް، ބާރުގަދަ ބަޔަކަށް އޭގެ ނާޖައިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭފަދަ ގޮތަކަށް ކަމަށެވެ.

"މިފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމުވެފައި ނެތް ގައުމެއްގައި، ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން ވެސް ވަނީ އެނގިގެން ގޮސްފައެވެ. އެއީ ނޫސްވެރިޔާއާއި ނޫސްވެރިޔާގެ މަސްދަރުވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެކެވެ." އެމްޖޭއޭއާއި އެޑިޓާޒް ގިލްޑުން ނެރެފައިވަ ބަޔާނުގައި ބުނެފައިވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ، ފޮރުވިގެން ތިބެ ނޫސްވެރިންނަށް މައުލޫމާތު ދޭން ތިބި ވިސްލްބްލޯވަރުންނަށް ވެސް މައުލޫމާތު ދޭން ފަސްޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެމްޖޭއޭއާއި އެޑިޓާޒް ގިލްޑުން ބުނެފައިވަނީ ބަލު މަޖިލީހުން ފާސްކުރީ އެމްޖޭއޭއިންނާއި އެމްއެމްސީން ހުށަހެޅި އިސްލާހުތަކަށް އެކަށީގެންވާ ގޮތެއްގައި ބެލުމެއް ނެތި ކަމަށެވެ. އެހެންކަމުން މި ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ގޮވާލާފައިވެއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.

މިކަމާ ގުޅިގެން އެމްއެމްސީން ވެސް ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާ އެ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ގޮވާލާފައެވެ.