Last Updated: July 25, 10:51
Saturday, July 25, 2026
ޚަބަރު

ގޯގޯ ލަތީފް އަވަހާރަވުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއް

މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އަވަހާރަވުމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެއް ކަމަށް އެޕާޓީން ބުނެފިއެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.ޕީގެ ބާނީ ކަމުގައިވާ ގޯގޯ ލަތީފު އަވަހާރަވުމަކީ މިޕާޓީއާއި ޕާޓީގެ އެންމެހައި މެންބަރުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"ލަތީފު މިދުނިޔެ ދޫކުރައްވައި ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. މިޕާޓީއަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަގު ނުކުރެވޭނެހައި މަތިވެރި ޚިދުމަތްތަކެކެވެ. އަދި ގެއްލިގެން އެދިޔައީ، ޕާޓީގެ ދެމިއޮތުމަށް މިންނެތް މަސައްކަތްތަކެއް ކޮށްދެއްވި އަގުހުރި ފަހުލަވާނެކެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވަނީ ލަތީފަކީ، އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފަންކޮށް ޕާޓީއިން ހޯދާފައިވާ އެންމެހައި ކާމިޔާބީތަކުގެ އެއް ބާނީ ކަމަށެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުކުރުމަށް ކުރެއްވި ބުރަ މަސައްކަތުގައި ލަތީފަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ހާލަތަކީ، މިޕާޓީގެ އެއްވެސް މެންބަރެއްގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ކަމެއްނޫން ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ. އެގޮތުން ލަތީފް ވެވަޑައިގެންނެވި ޤުރުބާނީއަކީ، ޤައުމުގައި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް އެމްޑީޕީން އިސްވެއޮވެ ފެށި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ޤުރުބާނީއެއް ކަމަށްވެސް ބުނެފައިވެއެވެ.