ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކްރިމިނަލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމި އަހަރަކަށް 2022 ވަނަ އަހަރު ވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އެ ކޯޓުގެ 2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތަފާސް ހިސާބު އާންމު ކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ކޯޓަށް ވަނީ ޖުމުލަ 404 މައްސަލައެއް ހުށަހަޅާފައެވެ. އެގޮތުން ޖެނުއަރީ މަހު 51 މައްސަލަ، ފެބްރުއަރީ މަހު 77 މައްސަލަ، މާޗް މަހު 66 މައްސަލަ، އޭޕްރިލް މަހު 49 މައްސަލަ، މެއި މަހު 81 މައްސަލަ އަދި ޖޫން މަހު 80 މައްސަލަ ހުށަހަޅާފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކޯޓުން ވަނީ ޖުމުލަ 548 މައްސަލައެެއް ނިންމާފައެވެ. ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކޯޓުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ 2022 ވަނަ އަަހަރުއެވެ.
އެކޯޓުން މިއަހަރު އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ޖޫން މަހުއެވެ. އެގޮތުން ޖޫން މަހު 165 މައްސަލައެއް ނިންމާފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ ކޯޓުން ޖޫން މަހުގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 53% މައްސަލައަކީ ކޯޓުގައި ގިނަ ދުވަސްވީ މައްސަލަތައް ނިންމުމަށްޓަކައި ޖޫން މަހުން ފެށިގެން ކުރިއަށްގެންދާ ބެކްލޮގް ކްލިއަރ ކުރުމުގެ ހާއްސަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މައްސަލަތަކުގެ ލިސްޓުގައި ހިމެނޭ މައްސަލަތައް ކަމަށެވެ.